ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުން މިސަރުކާރު ބަލައިގެންފި: ރައީސް

Dec 24, 2022

ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ސަބަބުން ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގއ. ދާންދޫގައި މިރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރަށް ހަަތަރު އަހަރު ވެގެންދިޔައިރު މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ބޭނުންވެގެން ކަމަށެވެ.

"މީގެތެރޭގައި އަސާސީ ހިދުމަތްތައް ހޯދުމާއި، އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ،" ރައީސް ވިދާޅުވި އެެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށް އެދިވަޑައިގެންފަ އެވެ.

"އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީވަމުން ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ސިޔާސީ ހިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭ ކަމުގައި ވިދާޅުވި އެވެ. އަދި ދުލާއި ގަލަމުގެ މިނިވަންކަން ގާއިމުކުރުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭ ކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނޭ ގޮތް މިހާރު ފަހިކޮށްދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް 15,000 އަށް ވުރެ ގިނަ ޒުވާނުން މި ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ގެންދަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ. ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތައުލީމު ހާސިލްކުރަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރުމަށް ދާންދޫ ހިއްކި ބިން ސަރަހައްދުގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސް ވަނީ ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫއު އެކި މަރުޙަލާގައި ހިނގަމުންދާ ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި ދާންދޫއަށް އަމާޒުކޮށްފައިވާ އިތުރު މަޝްރޫއުތައް ވެސް އިއުލާންކޮށްދެއްވި އެވެ. އެގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ގާއިމުކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަހައްދެއް، ބަނދަރު މަޝްރޫއާ އެކީ ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ދާންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާ އެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައިވެ އެވެ.