ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލާ ގުޅިގެން ތާރީހީ ރަމްޒެއްގެ ގޮތުގައި އާންމުންނަށް ފެންނަ ގޮތަށް ބާއްވަން ސަރުކާރުން ބަތް ނަމޫނާ ކަޅުއޮއްފުންމި، އެ ދޯނި ނިސްބަތްވާ ތިން ރަކުރުފާނުންގެ ރަށް ހއ. އުތީމަށް ގެނެސް ރަސްމީކޮށް ދައްކާލައިފި އެވެ. އަދި އެ ދޯނީގެ ހަނދާނުގައި އެ ރަށުގައި ވަނީ ބިނާއެއް ވެސް ހަދައިފަ އެވެ.
މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހދ. ނޭކުރެންދޫގަ ބަތް އެ ދޯނި، އުތީމަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ކުލަގަދަ ރަސްމިއްޔާތަކާ އެކު އެވެ. އަދި ކަޅުއޮއްފުންމި އިފްތިތާހު ކުރުމުގެ ގޮތުން އެ އޮޑީގެ ހުންގާނު ދުނި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކޮށްފަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަތްޕުޅަށް ވެސް ހުންގާނު އެރުވި އެވެ. އަދި ކަޅުއޮއްފުންމީގެ ހަނދާނުގައި އެ ރަށުގައި ހެދި ބިނާ ވެސް ރައީސް ވަނީ މިއަދު ހުޅުއްވައި ދެއްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ދިވެހި ރާއްޖެ މިނިވަން ކަމަށް 50 އަހަރު ފުރުން ކަމުގެ މުނާސަބަތުގައި ބޭއްވޭ އެންމް ފަހު ހަރަކާތް އުތީމުގައި ބޭއްވުމަކީ ވަރަށް ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އުތީމު ތިންބެއިން ކުރި ޖިހާދުގެ ހަނދާނުގައި ކަޅުއޮއްފުންމީގެ ނަމޫނާއެއް ހެދި އިރު އެ ދޯނީގެ ފޮޓޯއެއް ފެންނަން ނެތް ކަމަށް އުމަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ކަޅުއޮއްފުންމީގެ ނަމޫނާ ބަދެފައި ވަނީ އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހު އެއާ އެންމެ ވައްތަރު ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ފޮޓޯއެއް ނުވަތަ ކުރެހުމެއް އަޅުގަނޑުމެންގެ ތާރީހުގެ ތެރެއިން ލިބިފައި ނުވީ ކަމުގައިވީ ނަމަވެސް ނަމޫނާ ކަޅުއޮއްފުންމި ބަނދެ ނިންމާފައި މިވަނީ ވަރަށް ގިނަ ދިރާސާތަކާއި އަދި އެއޮޑި ސިފަކޮށް ތާރީހުގައި ލިޔެފަ ހުރި ބައެއް އެއްޗިއްސަށް ބަލާގެން ކަމަށެވެ.
"އެހެންކަމުން މިއަދު އެޒަމާނުގައި ބަނދެފަ ހުރި ކަޅުއޮއްފުންމި ގޮތަށް ބަނދެ ދިވެހިންގެ ތާރީހުގެ ތެރެއަށް މި ނެރެނީ އަންނަ އޮތް ޖީލުތަކަށް ބުނެދިނުމުގެ މަގުސަދުގައި އެތަކުރުފާނުމެން ރާއްޖޭގެ މިނިވަން ކަމަށާއި އިސްލާމް ދީނަށްޓަކައި އެކުރެއްވި މަތިވެރި ޖިހާދުގެ އެޖީލުތަކަށް ބުނެދިުނުމަށްޓަކައި. މިއޮޑި މާލޭގެ ދާރުލް އާސާރުގައި ބާއްވާނަން،" އުމަރު ވިދާޅުވި އެވެ.
ދިގުމިނުގައި 54 ފޫޓު ހުންނަ ނަމޫނާ ކަޅުއޮއްފުންމި ބަނދެފައިވަނީ 120 ރުއް ކަނޑައި އޭގެ ލަކުޑީންނެވެ. އަދި އެއޮޑީގައި ތިން ރިޔާ ހުރެއެވެ. ހޯމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ގޮތުން އަންނަ ހަފްތާ އަންގާރަ ދުވަހު ކަޅުއޮއްފުންމި މާލެއަށް ފުރާނެ އެވެ. އަދި އެއްނަމްބަރު ޖެޓީގައި ދައްކާލުމަށް އާމުންނަށް ދައްކާލުމަށް ފަހު ދާރުލް އާސާރުގައި ބާއްވާނެ އެވެ.