ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް ވިސާ ހަމަނުޖެހުމުނ މުބާރާތުގައި ވާދަކުރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ސްޕެއިނަށް ދިއުމަށްޓަކައި ޝެންގެން ވިސާ ހަމަޖައްސަން ޖެހެނީ ކުޅުންތެރިންނާއި އެސޯސިއޭޝަން ގުޅިގެންނެވެ. ވިސާ ހަމަނުޖެހުނީ އެކަމަށް އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަބާ އާއި ނަބީ އަށް ސްޕެއިނަށް ނުދެވޭ ކަން އެނގުނީ ބަންގްލަދޭޝްގައި މި މަހު ބޭއްވި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ވާދަކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު މާލެ އައި ފަހުންނެވެ.
ސްޕޭންގައި މިއަދު ފެށުމަށް ހަމަޖައްސާފައިވާ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއްމާބަނޑު ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އެ ދެ ކުޅުންތެރިންގެ ރޭންކް ރަނގަޅުވުމުންނެވެ.
ރޭންކިންގައި ނަބާ އާއި ނަބީ މިވަގުތު 117 ވަނައިގައި އޮތް ނަމަވެސް މީގެ ކުރިން އެ ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ އެންމެ ގަދަ 100ގެ ތެރޭގައި ވެސް ހިމެނިފަ އެެވެ.
ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބީއާއި ނަބާ އަށް ޕެއާއެއްގެ ގޮތުގައި ވާދަކުރުމަށް ފުރުސަތު ލިބުނީ އެލިމިނޭޝަން ރައުންޑްގަ އެވެ. މިއީ މިފަދަ ފުރުސަތެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަކޮށް ނަބާ އާއި ނަބީ މީގެކުރިން ވަނީ މުބާރާތުގައި ރިހި މެޑަލްއާއި ލޯ މެޑަލް ހޯދާފަ އެވެ. އަދި ރާއްޖޭގެ ބެޑްމިންޓަން މުބާރާތްތަކުގައި ޑަބްލްސް އިވެންޓްތަކުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ޕެއާ އަކީ ވެސް ނަބީ އާއި ނަބާ އެވެ.