ރާއްޖެ ކުޅިވަރު

ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ބްރޮންޒް މެޑަލް ހޯދި ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ސަރަހައްދީ މުބާރާތުގައި ވާދަކުރުމަށްފަހު ގައުމީ ޖޫނިއާ އެތުލެޓިކްސް ޓީމް އެނބުރި މާލެ އައުމުން، ޓީމަށް މަރުހަބާ ދެންނަވީ ކޮމިޝަނާ އޮފް ސްޕޯޓްސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ތޮލާލް އާއި ސްޕޯޓްސް މިނިސްޓްރީފެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ މުހައްމަދު ރިޔާޒު އާއި އަބްދުއްރައްޒާގް އިބްރާހިމްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިންނެވެ.

އިންޑިއާގެ ޗެންނާއީގައި ކުރިއަށް ދިޔަ ސަރަހައްދީ އެތުލެޓިކްސް މުބާާރާތުން ރާއްޖެއިން ވަނީ ދެ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އެއީ ފިރިހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭ އިންނާއި، އަންހެން ކުދިންގެ 4 ގުނަ 100 މީޓަރ ރިލޭ އިންނެވެ.

މެޑަލް ހޯދި އަންހެން ޓީމްގައި ހިމެނެނީ ހައްވާ މުޒްނާ ފާއިޒް، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީ އެވެ. އަދި ފިރިހެން ޓީމްގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު ޒުއިޒް ސުއާދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ.