ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަށާއި އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި އެޗްއާރްސީއެމް އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެ ކަމަށް ވިދާޅުވިއެވެ. އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންސާނާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ ކަމަށާ، އަދި އިތުރު މަޝްރޫޢުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު މިރޭ ވިދާޅުވިއެވެ. މީގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި މި ސަރުކާރުން އަންނަނީ އެ ޚިދުމަތްތައް ޤާއިމުކުރަމުންކަމުގައި ވިދާޅުވިއެވެ.
އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ޙައްޤުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގައި އެންމެ ނާޒުކު ޙާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ޙައްޤުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަޙައްމަލުކުރާނެ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.