ހަބަރު

އެޗްއާރުސީއެމަށް ލާން ފޮނުވި ނަންތައް ކޮމިޓީއަށް

Aug 24, 2020
2

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އައްޔަނުކުރަން ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވަނީ އެޗްއާރުސީއެމްގެ ހަތަރު މަގާމަކަށް އައްޔަނުކުރަން އަށް ބޭފުޅެއްގެ ނަމެވެ.

މިއަދުގެ މަޖިލީހުގައި ޖަލްސާގައި އެ ނަންތައް ވަނީ ދިރާސާ ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ހަތަރު މަގާމެއް ހުސްވެފައިވަނީ، މަގާމުން ވަކިކުރަން އުޅުމުން ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު، އިތުރު މެންބަރެއްގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ.

ރައީސް ފޮނުއްވި ނަންތައް

  • މަރިޔަމް ލައިޒާ، ހ. ފެހިއާލާ
  • އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ ވާދޫ
  • ޑރ އަދުހަމް އަބްދުﷲ، މއ.މާވެޔޮގެ
  • އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ، ސ. ފޭދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • މޫމިނާ ވަހީދު، މ.ޖިއެނާ
  • އަޒްލީމާ އަހުމަދު، ދަފްތަރު ނަމްބަރު ރސ 341-94
  • މުހައްމަދު ފައުޒީ، ބަހާރުމާގެ، ގއ.ވިލިގިލީ

އެޗްއާރުސީއެމަށް އައްޔަނުކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް އާއެކު ތިން މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

މަޖިލީހުން ވަނީ ބާކީ ތިބި ދެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ނާއިބް ރައީސް މަގާމުން ވަކިކޮށްފަ އެވެ. އެ ކޮމިޝަނުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެ މެންބަރުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހު ހަމަވާނެ އެވެ.