އެމެރިކާގެ ލަސް ވެގަސްގެ މެކްކަރަން އިންޓަނޭޝަނަލް އެއާޕޯޓަށް އޮޅުވާލައިގެން ވަދެ، މަތިންދާބޯޓެއް ވަގަށް ނަގަން ދެއްކީ ވަރަށް މޮޅު ބަހަނާ އެކެވެ.
އެމެރިކާގެ 36 އަހަރުގެ ފިރިހެނެއް ކަމަށްވާ މެތިއު ހެންކޮކް އޭނާގެ ލިމޯސޭން ކާރުގައި އެއާޕޯޓުގެ ސެކިއުރިޓީ ފެންސްތައް ފޫއަޅުވާފައި ވަދެފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ.
އެއާޕޯޓުގެ ބޭރާއި އެތެރޭގެ ސެކިއުރިޓީ ފޫއަޅުވާފައި ހެންކޮކް އޭނާގެ ކާރުގައި ދިޔަ ގޮތަށް ގޮސް މަޑުކުރީ އެއާކްރާފްޓްތައް ޕާކްކުރާ ތަނުގަ އެވެ.
ސީއެންއެންގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެހިސާބުން އޭނާއަށް ހުރަސްއެޅި އެޓްލާންޓިކް އެވިއޭޝަންގެ މުވައްޒަފުންނަށް ބިރުދައްކައި އެމީހުންނާ ކުރިމަތިލާން ވެސް ހެންކޮކް މަސައްކަތް ކުރި އެވެ. އަދި އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އެއާޕޯޓް ގޮއްވާލާނެ ކަމުގެ އިންޒާރު ވެސް އެމީހާ ވަނީ ދީފަ އެވެ.
ކްލޯން މާސްކެއް އަޅައިގެން ހުރި ހެންކޮކް އަށް އޭނާ ކުރަން އުޅޭ އެއްވެސް ކަމެއް ނުކުރެވޭނެކަން ޔަގީންވުމުން އަލުން ކާރަށް އަރައިގެން ދުއްވާފައި ނުކުތީ އެވެ.
އެހިސާބުން ފުލުހުން ވަނީ އޭނާގެ ކާރު މަޑުކުރުވައި އޭނާ ހައްޔަރުކޮށްފަ އެވެ. ރަންވޭ މަތީގައި އޮތް އެއާކްރާފްޓްތަކަށް ގެއްލުންދީ އެއާ ޓްރެފިކްގެ މަސައްކަތަށް ހުރަސް އަޅަން ވެސް ހެންކޮކް މަސައްކަތް ކޮށްފައިވެ އެވެ.
ހައްޔަރުކޮށް ސުވާލުކުރުމުން ހެންކޮކް ބުނީ މަތިންދާބޯޓެއް ވަގަށް ނަގަން އުޅުނީ އެ ބޯޓު އުދުއްސާފައި އޭރިއާ 51 އަށް ގޮސް އޭލިއަންތައް ބަލަން ބޭނުންވެގެން ކަމަށެވެ.
އޭރިއާ 51 އަކީ އެމެރިކާގެ އެއާފޯސް ފެސިލިޓީ އެކެވެ. މިތަނުގެ ވާހަކަ އެހާ ބޮޑަށް މަޝްހޫރުވީ މީގެ ދެއަހަރު ކުރިން ސޯޝަލް މީޑިއާގައި މީހަކު ޖޯކަކަށް ދެއްކި ވާހަކަ އަކުންނެވެ.
ފޭސްބުކްގައި ވައިރަލްވީ ޕޯސްޓެއްގައި އޭރިއާ 51ގައި އޭލިއަން ބެލުމުގެ ހާއްސަ އިވެންޓެއް ބާއްވާ ކަމަށް މީހަކު ޖޯކަކަށް އެފްބީގައި ލިޔުނެވެ. މި އިވެންޓް ބާއްވަނީ ސެޕްޓެމްބަރު 20، 2019ގައި ކަމަށް ވެސް އެމީހާ ލިޔުނެވެ. ވަގުތުން ދެ މިލިއަން މީހުން މި އިވެންޓުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅު ކުރި އެވެ. މިކަމެއް ކުރީ ކެލިފޯނިއާގައި ދިރިއުޅޭ 21 އަހަރުގެ މެތިއު ރޮބާޓްސް އެވެ. އޭނާ މިކަން ކުރީ ޖޯކަކަށެވެ.
ނަމަވެސް މި ޕޯސްޓާ ގުޅިގެން އެމެރިކާގެ އެފްބީއައި އޮފިޝަލުން ރޮބާޓްގެ ގެޔަށް ގޮސް އޭނާއާ ސުވާލު ކުރި އެވެ. މިއީ ޖޯކަކަށް ކުރިކަމެއްކަން ބައެއް މީހުންނަށް ނުވިސްނި އޭރިއާ 51 ކައިރިއަށް އެ ބުނި ދުވަހަށް 5000 އަށް ވުރެ ގިނަ މީހުން ޖަމާވެ އޭގެން ބަޔަކު އެތަނަށް ގަވާއިދާ ޚިލާފަށް ހުއްދަ ނުހޯދާ ވަދެގެން ހައްޔަރުވެސް ކޮށްފައިވެއެ ވެ.
މަތިންދާ ބޯޓު ވަގަށް ނަގަން އުޅުނު މީހާ ވެސް އެ ދުވަހު އުޅުނީ އޭރިއާ 51 އަށް ދާށެވެ. އޭލިއަން ބަލާށެވެ.