މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިސްލާމް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަނީ؟

Dec 13, 2021
9

ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާ ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އައު އަހަރަށް ގުރޭޑް އެކަކުން ފެށިގެން ބާރައިގެ އިސްލާމާއި ގުރުއާން މުގައްރަރު ޗާޕުކުރާއިރު އެ ފޮތްތަކުގައިވާ ގުރުއާންގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާ އެންގުމަކީ ގުރުއާނާއި އިސްލާމުގެ އަހަންމިއްޔަތުކަން ކުޑަކޮށް ދުރު މުސްތަގުބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް ބީރައްޓެހި ކުރުމުގެ އަމާޒު ހިފުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީއެންގެ ލާދީނީ ސިޔާސަތު ތަންފީޒުވަމުންދާ ދިއުމާމެދު ދިވެހި ރައްޔިތުން ހަބަރުދާރުވުމަށް އިލްތިމާސް ކުރަން،" އަބްދުﷲގެ ޓްވީޓްގައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ކަމުން މިއީ އެ މިނިސްޓްރީން ނިންމާފައިވާ ނިންމެއްކަން މުޅީން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ގުރުއާންގެ އާޔަތްތަކުގައި ކުށްހުރުމުގެ މައްސަލަ މިއަހަރު ވަރަށް ބޮޑަށް ފާހަގަވިއެވެ. އެކަމާއި ގުޅިގެން އިލްމުވެރިންގެ ކަންބޮޑުވުންތައް ވަރަށް ބޮޑުވިއެވެ.