ސަލަފް ޖަމިއްޔާ

އަރަބިއްޔާ މައްސަލަ ގޯސްކުރަނީ ސަރުކާރުން: ސަލަފް

އަރަބިއްޔާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް ރަނގަޅު ކުރުމުގެ ބަދަލުގައި ފެނިގެންދަނީ މައްސަލަ އިތުރަށް ގޯސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ޖަމިއްްޔަތުއް ސަލަފުން ބުނެފި އެވެ.

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ހާލަތު ގޯސްވެ އެ ސުކޫލު ހިންގާ އިމާރާތް ބޭނުން ކުރުން ވަނީ ނުރައްކާވެފައެވެ. އަރަބިއްޔާ ކުދީންނަށް ވަކި ގޮތެއް ހަމަނުޖެހި މައްސަލަ ދިގުލައިގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދީނީ އިލްމު ފެތެރުމުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން ސަލަފު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި ދިވެހިންނަކީ ޒަމާނުއްސުރެ އަރަބި އިސްލާމީ ތައުލީމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ލެއްވުމަކީ ﷲ އަޅުގަނޑުމެން ދިވެހިންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތް ކަމަށާ އަދި އެއީ ދުޝްމަނުން އެންމެ ހަސަދަވެރިވާ ނިއުމަތް ކަމަށެވެ.

ރާއްޖޭގެ ތަރައްގީ އާއި ތަހުޒީބަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަކީ މިސްރުގެ ޖާމިއަތުލް އަޒްހަރުފަދަ މުޅި ދުނިޔެއަށް މަޝްހޫރު އަރަބި އިސްލާމީ ތައުލީމުދޭ ޔުނިވަރސިޓީތަކުން އުނގެނިވަޑައިގެންތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވާ މި ދުވަސްވަރަކީ އަރަބި އިސްލާމީ ތައުލީމުގެ ވަސް ދިވެހިރާއްޖޭގެ ފަސްގަނޑުން ފޮހެލުމަށްޓަކައި ރޭވިގެން މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްވަރެއް ކަމަށް ވަނީ ބުނެފައެވެ.

"... އެ ގޮތުން މި ވަގުތު ދިވެހިރާއްޖޭގައި ހުރި ހަމައެކަނި އަރަބި އިސްލާމީ ތައުލީމުދޭ މަދަރުސާކަމުގައިވާ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ނައްތާލުމަށްޓަކައި ރޭވިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމީ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. މި މުހިންމު އިލްމީ މުއައްސަސާއާމެދު ކަމާބެހޭ ފަރާތްތަކުން އިހުމާލުވުމުގެ ނަތީޖާއަކީ މިއަދު އެ މަދަރުސާގެ އިމާރާތަކީ ކުދިން ކިޔަވަންދާން އެކަށީގެންވާ ރައްކާތެރި ތަނަކަށް ނުވުމެވެ،"

ސަލަފުން ބުނީ މި ހިސާބަށް ކަންތައް ދިޔައިރުވެސް މައްސަލަ ހައްލުކޮށް ރަނގަޅު ކުރުމުގެ ބަދަލުގައި މިއަދުވެސް ފެނިގެންދަނީ މައްސަލަ އިތުރަށް ގޯސްކުރުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އަދި ވަގުތީގޮތުން ކަމުގައި ބުނެ އެހެން މީޑިޔަމަކަށް އަދި އެހެން މޮޑެލްއަކަށް ކިޔަވައިދެމުންދާ ސްކޫލެއްގެ ދަރިވަރުންނާ އަރަބިއްޔާ ގެ ދަރިވަރުން އެއްކޮށްލުމަށް މަސައްކަތް ކުރެވެމުންދާއިރު ދެ މީޑިއަމަކަށް ކިޔަވައިދޭ ދެ މަދަރުސާއެއްގެ ދަރިވަރުން އެއް އިމާރާތެއްގެ ތެރޭގައި ކިޔަވަން ޖެހިއްޖެނަމަ ދިމާވެދާނެ ސީރިއަސް މައްސަލަތަކާއި އިދާރީ ގޮންޖެހުންތަކަށް އެޑިއުކޭޝަނުން އެއްވެސް ބަލާލުމެއް ނެތް ކަމަށެވެ.

"އެހެންކަމުން މިކަން ހައްލުކުރުމަށް އަރަބިއްޔާގެ ލޮބުވެތި ބެލެނިވެރިން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް މިޖަމިއްޔާއިން ތާއީދުކުރާ ހާލު ސަރުކާރުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަޅުގަނޑުމެން މި ގޮވާލަނީ އަރަބި އިސްލާމީ ތައުލީމަށް ފަހި ފުރުސަތުތަކެއް ހޯއްދައި ދެއްވައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަށް ދާއިމީ ހައްލެއް ވީހާވެސް އަވަހަކަށް ހޯއްދަވައި ދެއްވުމަށެވެ. އަދި ވަގުތީ ގޮތުން ދެއްވާ އިމާރާތަކީ އަރަބިއްޔާގެ ދަރިވަރުންނަށް ހާއްސަ މުސްތަގިއްލު އިމާރާތެއް ކަމުގައި ހައްދައި ދެއްވުމަށެވެ،" ސަލަފުން މިރޭ ނެރުނު ބަޔާނުގައިވެއެވެ.