މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަރަބިއްޔާ އަޅަން ބާ ޖަމާލުއްދީން ތަޅާލަން ފަށައިފި

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) އެޅުމަށް ބާ ޖަމާލުއްދީން ހުރި އިމާރާތް ތަޅާލަން ފަށައިފި އެވެ.

މީގެ އަށް އަހަރު ކުރިން ޗާންދަނީ މަގުގައި ހިންގި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވާތީ އެ ސްކޫލް ހިންގުން ވަގުތީ ގޮތުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ. މިއަހަރު ސްކޫލުތައް ހުޅުވިއިރު އަރަބިއްޔާގެ ދަރިވަރުން ކިޔެވުން ފެށީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގަ އެވެ.

އަރަބިއްޔާ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެެވެ.

އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ހުރި އިމާރާތުގައި އަރަބިއްޔާ ސްކޫލް އެޅުމަށެވެ. އެ އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެކަމަކު އެތަން ސްކޫލު ހިންގޭ ވަރަށް ވުރެ ހާލަތު ގޯސްވުމުން އެ އިމާރާތާ ޖެހިގެން އާ އިމާރާތެއް އެޅުމަށްފަހު ކުދިން އެތަނަށް ބަދަލުކުރީ އެވެ. އޭގެ ފަހުން ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކަށް ބަދަލުކޮށް ދުވަސްކޮޅަކު ކިޔަވައިދިނުމަށްފަހު ދެން އެތަން ބޭނުންކުރީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒުގެ ގޮތުގަ އެވެ.