ހަބަރު

ހާހަކަށް ވުރެއް ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ތަފާތު އެކި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއްސައި ހުރި ހާހަކަށް ވުރެ ގިނަ ބަގުރާ ފުޅި އާއި އެހެނިހެން ތަކެތި ނައްތާލައިފި އެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިއްޔެ ދޫނިދޫގައި ނައްތާލައިފާ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2015 ވަނައަހަރުގެ ނިޔަލަށް ބަލައި ނިމި، ޝަރުއީ މަރުޙަލާ ނިމިފައިވާ މައްސަލަތަކާ ގުޅުންހުރި ބަނގުރަލާއި އެހެނިހެން ބައެއް ތަކެއްޗެވެ.

އެގޮތުން 680 ފުޅި ބަނގުރަލާއި، 590 ދަޅު ބަނގުރަލާއި 20 ހަން ބަނގުރަލުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ 25 އެއްޗެއް ހިމެނެއެވެ. އަދި މިތަކެއްޗަކީ ފުލުހުންނަށް ހުށަހެޅި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތަކުގެ ތެރެއިން 359 މައްސަލައަކާ ގުޅުންހުރި ތަކެތިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެ ތަކެތި ނައްތާލާފައިވަނީ ދޫނިދޫ އަތިރި މަތީގައި ބޮޑު ވަޅުގަނޑެއް ކޮނުމަށް ފަހު ރާ ފުޅިތަށް އެ ވަޅުގަނޑަށް އޮށްސައިގެންނެވެ.

މީގެ ކުރިން މިދިޔަ މެއި މަހުވެސް ފުލުހުން ވަނީ މިފަދައިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިނައްތާލައިފަ އެވެ.