މާލޭގެ މޭޔަރު

އަރަބިއްޔާ ބަދަލުކުރަންވީ ނާދީ ހިންގި އިމާރާތަށް: މޭޔަރު

އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމަށް ދާއިމީ ހައްލެއްގެ ގޮތުގައި ހ. ބްލޫހެވަން -- ކުރީން ނާދީ ހިންގި އިމާރާތް -- ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ހިންގާ އިމާރާތުގެ ހާލަތާމެދު ބެލެނިވެރިންނާއި ދަރިންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އަރަބިއްޔާ ސުކޫލު ހިންގާ އިމާރާތުގައި ބޮޑެތި ރެނދު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ބެލެނިވެރިން ވެސް އެ ކަންބޮޑުވުންތައް ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ބެލެނިވެރިން ވަނީ ގެންގޮސްފަ އެވެ.

އެކަމަށް ހައްލެއް ހޯދުމަށް އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރަން ދަނީ މަޝްވަރާ ކުރެވެމުންނެވެ.

މޭޔަރު މިރޭ ވިދާޅުވީ އަރަބިއްޔާ ސުކޫލާމެދު ސަރުކާރުން ކަންތައްކުރަނީ ހިތާމަވެރި ގޮތަކަށް ކަމަށެވެ. އަދި އިއްޒުއްދީން ސުކޫލު ވަގުތީގޮތުންވެސް ޝެއާކޮށްގެން ބޭނުން ކުރުމަކީ ޕްރެކްޓިކަލް ކަމެއް ނޫން ކަަމަށް މޭޔަރު ވިދާޅުވިއެވެ.

"އަރަބިއްޔާ ސުކޫލު އިމާރާތް ކުރަން ދާއިމީ ހައްލެއްގެ ގޮތުގައި ހ. ބްލޫ ހެވަން [ކުރީގެ ނާދީ] ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

އިއްޒުއްދީން ސުކޫލަށް ބަދަލުވާން އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅެވެ. ބެލެނިވެރިން ބުނީ އިއްޒުއްދީނަކީ މިހާރުވެސް 200 ކުދިން ކިޔަވާމުންދާ ސްކޫލެއް ކަމަށާ އިންގްލިޝް މީޑިއަމް ސްކޫލެއް ހިންގަމުން ދަނިކޮށް އަރަބި މީޑިއަމް ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުން ވަދެ ދަރިވަރުންނަށް ކިޔަވައިދޭން އުޅުމަކީ ކުކުޅު ކޮށްޓެއްގެ ތެރެއަށް ދަނޑި ބޭނުން ކަހަލަ ކަމެއް ކަމަށެވެ.

އަދި އަރަބިއްޔާގައި ދުވާލަކު 46 ކްލާސްރޫމްގައި ކިޔަވައިދެމުންދާ ބަޔަކު އިއްޒުއްދީންގެ 20 ކްލާސް ރޫމަށް ފިޓްކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެ ހާލަތުގައި ދެ ސުކޫލުގެ މެނޭޖްމަންޓާއި ސްޓާފުން ވަންނާނީ ކޮންތާކަށްތޯވެސް ބެލެނިވެރިން ސުވާލު އުފައްދައެވެ.

"އިއްޒުއްދީނަށް ގޮސް ވަނުމަކީ އެތަނުގަ މިހާރު އޮތް މެނޭޖްމަންޓާއި ސްޓާފުންނާއި ގިނަ މައްސަލަތަކެއް ފެންމަތިވާނޭ ކަމެއް،" އަރަބިއްޔާގެ ބެލެނިވެރިން ބުނެއެވެ.