ބޭރު ކުޅިވަރު

އިނގިރޭސިންނާއި ވޭލްސް، އަދި ބެލްޖިއަމާއި އިޓަލީ ވާދަވެރި ދެ ގްރޫޕަކަށް

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިންނާއި ވޭލްސް ބީ އަށް އަދި އިޓަލީ އާއި ބެލްޖިއަމްގެ އިތުރުން އަޔަލޭންޑާއި ސްވިޑްން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕަކީ ވެސް އިޓަލީ ހިމެނޭ ގްރޫޕް އީ އެވެ.

އިނގިރޭސީންނާއި ވޭލްސްއާއެކު ގްރޫޕް ގްރޫޕްބީގައި ދެން ހިމެނެނީ ރަޝިޔާ އާއި ސްލޮވާކިޔާ އެވެ.

މުބާރާތް ބާއްވާ ގައުމު ފްރާންސް ހިމެނުނީ ރޫމޭނިޔާ އާއި އަލްބޭނިޔާ އަދި ސްވިޒަލޭންޑާއެކު ގްރޫޕް އޭގަ އެވެ.

ކުރިއާ ހިލާފަށް 16 ގައުމުގެ ބަދަލުގައި 24 ގައުމަށް މުބާރާތް ފުޅާކޮށް ރޭ ގުރުނެގިއިރު އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ސްޕޭން ހިމެނުނީ ޗެކްރިޕަބްލިކާއި ތުރުކީ އަދި ކްރޮއޭޝިޔާއާއެކު ގްރޫޕް ޑީގަ އެވެ.

ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ހިމެނުނީ ސީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޔުކްރޭނާއި ޕޮލެންޑް އަދި އިތުރު އަޔަލޭންޑެވެ.

މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކެޕްޓަންކަން ކުރާ ޕޯޗުގަލް ލައްވާލީ ގްރޫޕް އެފްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އައިސްލޭންޑާއި އޮސްޓްރިއާ އަދި ހަންގޭރީ އެވެ.

ގްރޫޕް ސްޓޭޖުން ފެއިލްވާނީ އެންމެ އަށް ގައުމު

ކުރީ އަހަރުތަކާ ހިލާފަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު ގިނަކުރުމުން ގްރޫޕް ސްޓޭޖުން ކަޓާނީ އެންމެ އަށް ޓީމެވެ. އެއީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ދެ ވަނަ ބުރަށް ކޮލިފައިވާއިރު ކޮންމެ ގްރޫޕަކުން ވެސް ތިން ވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެއް ވެސް ދެ ވަނަ ބުރަށް ކޮލިފައިވާނެތީ އެވެ.