މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަކަށް ނެތް

ރާއްޖެއާ 5،564 އެއްހާ ކިލޯމީޓަރު ދުރުން އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ބިން ހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ސީއަށެވެ. އެއީ 7.3 މެނިޓިއުޑްގެ ބިން ހެލުމެކެވެ.

އިންޑޮނޭޝިއާ އަށް ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 10:20 ހާއިރު އެވެ. ބިންހެލުން އައިސްފައިވަނީ ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރުގައި ބުނެފައިވަނީ ބިން ހެލުން އައި ހިސާބާ 1،000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީގެ ނުރައްކާތެރި ރާޅުގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ބުނީ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. އެއީ ބިންހެލުން އައީ ރާއްޖެއާއި 5،564 ކިލޯ މީޓަރު ދުރަށް ކަމަށް ވާތީ އެވެ.