ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަހްމަދު އަދުހަމް ރަޝީދު، އޭނާއަށް ކުރެވުނީ ކުށެއް ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި އަދުހަމް ބުނީ މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާ އަކީ އޭނާ އަށް ކުރެވުނު ކުށެއް ކަމަށެވެ. އެ ކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވުނު ގަބޫލު ކުރެވުންތަކެއްގެ ސަބަބުން ކަމަށެވެ.
"އެ ކުށަށް ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި މީހުންނާއި އަދި ރައްޔިތުންގެ ކިބައިގެން މާފަށް އެދެން. އެފަދަ ކުށެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެން،" އަދުހަމު ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި އަދުހަމް ވަނީ އިއުތިރާފްގެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
އަދުހަމްގެ ޝަރީއަތްތައް މީގެކުރިން ދިޔައީ ސިއްރުކޮށްގެންނެވެ. އެހެންވެ އެ ޝަރީއަތްތަކުގައި ދެކެވިފައި ހުރި ވާހަކަތަކެއް އެނގިފައެއް ނުވެ އެވެ. މިއަދުގެ އަޑުއެހުމަކީ އަދުހަމަށް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ ކުށަށް ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި މީހުންނާއި އަދި ރައްޔިތުންގެ ކިބައިގެން މާފަށް އެދެން. އެފަދަ ކުށެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެންއަދުހަމް އަހްމަދު ރަޝީދު | ހަމަލާދިން މީހާ
އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.
އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ވަނީ ލުއި ދީފަ އެވެ. އަދުހަމް ވަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ދައުލަތާ އެކީ އެއްބަސްވެފަ އެވެ.