ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިއުލާ ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސްއަށް ވިދާޅުވީ އިދާރީ ގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން އިއުލާނު ކުރާނެ ކަމަށެވެ.
އިންތިހާބީ ގޮޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަންގެ މައްޗަށް ލާޒިމުކުރެއެވެ. ފުއާދު ވިދާޅުވީ ގާނޫނުގައިވާ މުއްދަތުގައި އެކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކޮމިޝަންގެ ރަސްމީ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށާ އެ ޖަލްސާގައި އެކަންކަމާއި ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެންބަރު ހުސައިން ވަހީދު އަވަހާރަވީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. ހުސައިންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.