އިލެކްޝަންސް ކޮމިޝަން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ފެބްރުއަރީގައި

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮޑި ހުސްވުމާ ގުޅިގެން ގާނޫނޫގައި އަމަލުކުރަން އޮންނަ އުސޫލުތަކަށް ބެލުމަށް ފަހު އަންނަ އަހަރު ފެބްރުއަރީ މަހު ފަސްވަނަ ދުވަހު ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެގޮތަށް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު ބާއްވާ އެކަމުގައި މަޝްވަރާކުރުމަށްފަހު،" ފުއާދު ވިދާޅުވި އެވެ.

ބައި-އިލެކްޝަނާ ގުޅުންހުރި އިދާރީ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މާދަމާ އިންތިހާބަށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

އާންމު އިންތިހާބުގެ ގާނޫނޫގައިވާ ގޮތުން އިންތިހާބީ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަންގެ މައްޗަށް ލާޒިމުކުރެއެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.

ހުސައިން ވަނީ ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރައްވާފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހުސައިން އަކީ އެންމެންގެ އަޑުއައްސެވި، އޯގާތެރި ބޭފުޅެކެވެ. އަދި ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.