އިލެކްޝަންސް ކޮމިޝަން

ނަތީޖާ އަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް: އީސީ

Feb 5, 2022
1

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އަށް އަސަރުކުރާ ފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ކުރިން ކޮމިޝަނަށް ތިން ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި އިންތިހާބު ހިނގަމުން ދަނިކޮށް ވެސް ބައެއް ޝަކުވާތައް ލިބިފައިވާ ކަމަށާއި ނަމަވެސް ނަތީޖާ އަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާތައް ބެލުމަށް މިނިވަންކަމާ އެކު މަަސައްކަތް ކުރެވޭ ގޮތަށް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވާނެ ކަމަށެވެ. ބިއުރޯ އިން މައްސަލަ ބެލުމަށްފަހު އެހެން އިދާރާ އަކަށް ނުވަތަ ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް އޮތް ނަމަ އެ އިދާރާ އަކަށް މައްސަލަ ހުށަހަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޝަކުވާތަކާއި ގުޅިގެން އެ އޮންނަ އުސޫލުން ޖަވާބު ދޭނެ. އިންތިހާބުގެ ކުރިން ހުށަހެޅި ޝަކުވާތަކަށް ލިޔުމުން ވާނީ ޖަވާބުވެސް ދީފަ،" ފުއާދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުން ވޯޓުލުމަށް ހަތް ވޯޓު ފޮށްޓެއް ބަހައްޓާފައިވެ އެވެ. އެގޮތުން ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މާލޭގައިވެސް އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ވޯޓުލުމުގެ ވަގުތު ހަވީރު 4:00 ޖެހުމާ ހަމައަށް ވަނީ ބަންދުވެފަ އެވެ. އެކަމަކު ކިއޫގައި ތިބި އެންމެން ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށްދާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ވޯޓު ފޮށިތައް ބަންދުކުރާ ގާތްގަނޑަކަށް 30 މިނެޓެއް ވަރު ފަހުން ވޯޓު ގުނާށެވެ. ވޯޓުގެ ވަގުތީ ނަތީޖާ ވޯޓު ފޮށި ބެހެއްޓި ކޮންމެ މަރުކަޒެއްގައި އިއުލާން ކުރާނެ އެވެ.