އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބެލުމުގެ ގާނޫނީ ހުރިހާ ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި އޮއްވާ ކޮމިޝަންގެ މެންބަރުން ތިއްބެވީ އެ ކޮމިޝަނަށް ލިބިގެންވާ ބާރުތައް އަމިއްލައަށް ދޫކޮށްލައިގެން ސަރުކާރުގެ މުށުތެރެއަށް ވެއްޓިގަނެގެން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި އިލެކްޝަންސް ކޮމިޝަންގެ ވެސް ކުރީގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް އިލެކްޝަންސް ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބަލައި ފިޔަވަޅު އެޅެން ނެތް ކަމަށް ބުނެ ކޮމިޝަންގެ މެންބަރުން ދައްކަވަމުން ގެންްދަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ގާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ތޮލާލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ބާއްވާ ދިނުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިގެންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންތަކަކަށް ފިޔަވަޅު އަޅަންޖެހިދާނެތީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަމާ ގުޅޭ މައްސަލަތައް ބެލުމަށް ކޮމިޝަންގެ ޝައުގު ނެތީ ކަމަށްވެސް ވިދާޅުވި އެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ބަޔަކު ހުށަހެޅިޔަސް ނޭޅިޔަސް ކޮމިޝަނުން އެކަމެއް ހުއްޓުވާ ފިޔަވަޅު އަޅަންޖެހޭނެ. އެބާރު ކޮމިޝަނަށް ގާނޫނީ ގޮތުން ދީފައި އޮއްވާ ކޮމިޝަންގެ މެންބަރުން އެ ތިއްބެވީ އެ ކޮމިޝަނަށް ލިބިގެންވާ ބާރުތައް އަމިއްލަފުޅަށް ދޫކޮށްލައިގެން ސަރުކާރުގެ މުށުތެރެއަށް ވެއްޓިގަނެގެން. މިއީ ދުނިޔޭގެ އެއްވެސް ތަނަކު އިލެކްޝަންސް ކޮމިޝަނަކުން ކަންކުރާނެ ގޮތެއް ނޫން،" ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ އިންތިހާބީ މައްސަލަތައް ބަލަން މިހާރު ލިބިފައިވާ ބާރުތަކުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް އިތުރު ބާރުތަކެއް ދޭން ޖެހޭ ކަމަކަށްވެސް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ. އިންތިހާބާ ގުޅޭ ޖިނާއީ މައްސަލައެއް އުޅޭނަމަ ފުލުހުންނަށް އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިގެން އެ އިދާރާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށް ގެންދެވޭނެ ކަމުގައި ވިދާޅުވި އެވެ. އިންތިހާބާ ގުޅޭ މަދަނީ މައްސަލައެއް ނަމަ ސީދާ ކޮމިޝަނަށް މައްސަލަ ހިފައިގެން ކޯޓަށް ދެވެން އޮއްވާ އިތުރު ބާރު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން އިންތިހާބީ މައްސަލައެއް ހުށަހަޅައިގެން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލައެއް ނުބަލާނަމަ އެ މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ގޮތްތައްވެސް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އެހުރީ. އެކަމަކު ހަގީގަތަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވަނީ ސަރުކާރާ ގުޅޭ މައްސަލައެއް ވީމާ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބަލަން. އިލެކްޝަންސް ކޮމިޝަނުން ބަލަން ބޭނުންވީމާ ޕާޓީ ތަކުން ހުށަހަޅާ ފޯމް ތަކުގައި ހުންނަ ފިންގަ ޕްރިންޓްތައް ފުލުހަށް ހުށަހަޅައިގެން ވެރިފައި ކުރޭ. އެކަމަކު އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް އެހެން ނުބެލޭތީ ހަމަ ހައިރާންވޭ،" ތޮލާލް ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޭސީސީ އަށް ވެސް ބެލޭނެ ކަމަށް ފާހަގަކުރައްވާ ތޮލާލް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދުރާލާ ރާވައިގެން އޭސީސީން ވެސް މިވަގުތަށް "ދުއްވާލާފައިވާ" ކަމަށެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބަލަން ދައުލަތުގައި ރޭވިފައި އޮތް މުޅި ނިޒާމު ފުނޑާލުން ކަމަށް ތޮލާލް ސިފަކުރެއްވި އެވެ.
"މުޅި ސަރުކާރު ނިކުމެ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވާއިރު އޭސީސީ ބަންދުކޮށްގެން މައްސަލަތައް ނުބެލޭނެ ގޮތް ހަދާފައި އޮތް އިރު ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައިދޭންޖެހޭ ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ވެސް ނުފޫޒުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނާތީ ކޮމިޝަންގެ މެންބަރުން ސަރުކާރުގެ މުށުތެރެއަށް ވެއްޓިފައި އޮތް ވަރު އެބަ އެނގޭ ނޫންތޯ،" އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލަތައް އަމިއްލަ އިސްނެގުމަށް ކޮމިޝަނަށް ބެލެން ނެތް ސަބަބުތައް އަވަސް އަށް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަކީ ތަހުގީގީ އިދާރާ އަކަށް ނުވުމާއި، ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ސީދާ ފުލުހުންނަށް އަމުރުކޮށްގެން ބައެއް މައްސަލަތައް ބެލުމަށް ގާނޫނީ ބާރު ނެތުން ފާހަގަކުރެއްވި އެވެ. މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ އަދަދަށް މުވައްޒަފުން ހަމަޖައްސަން ބަޖެޓް ނުދިނުމަކީ ކޮމިޝަނުން އިސްވެސްޓިގޭޓަރުން ހޯދައިގެން މައްސަލަތައް ބެލޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށް ބަލައި ކޮމިޝަނުން އިސްވެ މައްސަލަތަކެއް ބަލަން ފަށައިފިނަމަ އެއީ ސީދާ ވަކި މައްސަލަތަކެއް ނަގައިގެން ބައެއްގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ދެކެން ފަށާނެ. އޭރުން ކޮމިޝަނުން އަމަލުކުރަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫން ކަމަށް ބުނަން މާބޮޑަށް ފުރުސަތާއި ޖާގަ ލިބޭނެ. ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އިންތިހާބެއްގައި ބަޔަކު ނުފޫޒު ހިންގުމަށް އެއްވެސް ފަރާތަކުން މަސައްކަތެއް ކުރާނަމަ އެ ބައެއްގެ ވާދަވެރިން އެ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނެ. އެހިސާބުން ކޮމިޝަނަށް ބެލެން އޮތް މައްސަލައެއް ބަލާނެ،" ފުއާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން މިހާތަނަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި މައްސަލަތައް ހުށަހަޅާފައިވަނީ ވެސް އިދިކޮޅު ޕީޕީއެމުންނެވެ. އެ މައްސަލަތައް ބަލައި ދޭންޖެހޭ ޖަވާބުތައް މައްސަލަ ހުށަހެޅި ފަރާތަށް ދެމުންދާ ކަމަށް ކޮމްޕްލެއިންޓްސް ބިއުރޯ އިން ބުނެ އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް އެ ދާއިރާގައި ހިމެނޭ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގައި ސަރުކާރުން ވަނީ މަޝްރޫއުތަކެއް ފަށާފަ އެވެ. އިދިކޮޅު ޕީޕީއެމުން ދެކޭ ގޮތުގައި އެއިން ކޮންމެ މަޝްރޫއަކީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެކެވެ.