ކޮމަންޑޫ ދާއިރާ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

Feb 7, 2022
1

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމިޝަނުން މިއަދު އިއުލާން ކުރި ދާއިމީ ނަތީޖާ ތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު ހަންނާނަށް 323 ވޯޓް ލިބިވަޑައިގަތެވެ.

މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.

ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބާޖަމާލުއްދީންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް އަދި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަށްޓަކައި ހުރިހާ ފަރާތްތަކަކަށް ފުއާދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.