ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ބޭނުންވާ ބަޔަކު ރީރަޖިސްޓްރީ ކުރަން އިދިކޮޅު ޕީޕީއެމުން މިއަދު ހުށަހަޅައިފި އެވެ.
ރީރަޖިސްޓްރޭޝަން ފޯމުތައް ހިފައިގެން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގެންނެވި ޓީމުގައި އިސްކޮށް ތިއްބެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލާއި ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު އެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ އަށް ނިސްބަތްވާ ތިން ރަށުގެ މީހުން ވެސް ރީރަޖިސްޓްރީ ކުރަން ހުށަހެޅި ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ މީހުންނެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.
ރީރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށްފަހު ޝުޖާއު ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް ގިނަ އަދަދެއްގެ ފޯމްތައް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ފޯމްތައް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން ބުނާ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ފޯމުތަކުގައި އެއްވެސް މައްސަލަ ޖެހިގެން އެއްވެސް މީހަކަށް ވޯޓު ނުލެވޭ ގޮތް ވެއްޖެނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އެމްޑީޕީ އާއި ކޯލިޝަން ސަރުކާރަށް ތާއިދުކުރާ ޕާޓީގެ ކެންޑިޓޭޓް ބަލިކުރުމަށް ހިތްވަރާ އެކު މިމަސައްކަތުގައި ބައިވެރިވި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ޔާމީން ނަންފުޅުގައި ޝުކުރު ދަންނަވަން." ޝުޖާއު ވިދާޅުވި އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި 3،316 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ ހަ ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ވޯޓު ފޮށިތައް ބަހައްޓާނީ ކޮމަންޑޫ، މަރޮށި، ފޯކައިދޫ އަދި މާލޭގަ އެވެ.