ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމަށް ކޮމަންޑޫ އަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އެތައް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމަވާ، ބައެއް މަޝްރޫއުތައް ފަށާނެ ތާރީހުތައް ވެސް ހިއްސާކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ވާދަވެރި ޕާޓީ ތަކުން ގެންދަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހް ވިދާޅުވީ މަޝްރޫއުތައް ފަށަނީ އިންތިހާބާ ދިމާކޮށް ކަމަށް ވާދަވެރިން ބުނި ނަމަވެސް ކޮމަންޑޫ ދާއިރާގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ބައި-އިލެކްޝަނާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްގެން ކޮމިޝަނަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތަކެއް ނޫސްތަކުން ފެންނަ ކަމަށާއި އެކަންކަން ބެލޭނީ ރަސްމީކޮށް ހުށަހެޅުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަމިއްލަ އިސް ނެގުމަށް މައްސަލަ ބެލޭ ގޮތަކަށް ނޫން އަޅުގަނޑުމެންގެ ގާނޫނު އޮތީ. އެކަމަކު އިންތިހާބާ ގުޅިގެން ގާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުން އަޅުގަނޑުމެން އެ މައްސަލައެއް ބަލާނަން. އަދި ޖިނާއީ އިތުރު ތަހުގީގެއް އެކަމަކަށް ކުރަންޖެހޭނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލަ އިތުރަށް ބަލާނަން،" ފުއާދު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭ ޝަކުވާތައް ބެލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތިން މެންބަރުން ހިމެނޭ ކޮމްޕްލަޔަންސް ބިއުރޯ ގާއިމުކޮށްފަ އެވެ. ބިއުރޯ އަށް ޝަކުވާ ހުށަހަޅަންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ.
ފުއާދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އިލެކްޝަންސްގެ އޮފިޝަލުންނަށް ނުފޫޒު ފޯރުވައިގެން އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން ވޯޓުލުމުގެ ހައްގު އޮތް އެންމެންނަށް ވެސް ރަޖިސްޓާކޮށްފައިވާނަމަ ވޯޓު ލެވޭނެ ކަން. ވަކި މީހަކަށް ވަކި ގޮތަކަށް ވޯޓުލާން ކޮމިޝަނަކުން ނާންގާނެ. މަޖުބޫރެއް ވެސް ނުކުރާނެ،" ފުއާދު ވިދާޅުވި އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.