ގދ. ވާދޫ

ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫއު ސިންގަޕޫރުގެ ކުންފުންޏަކަށް

Dec 14, 2021

ރ. ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫއު ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މާލޭގައި ހިންގާ މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިޓީ ހޮޓެލްގެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓަށެވެ.

ވާދޫގައި ސިޓީ ހޮޓަލެއް އެޅުމަށް އެންމެ ފުރަތަމަ ބަޔަކާ ހަވާލުކުރީ ނޮވެމްބަރު 14، 2016ގައި ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑެވެ.

ވާދޫގެ އުތުރު ފަރާތުން ތިން ހެކްޓަރުގެ ބިން މިމަޝްރޫއަށް ކުރިން ހާއްސަކުރި ނަމަވެސް ސިންގަޕޫރު ކުންފުންޏާ މަޝްރޫއު އަލުން ހަވާލުކުރީ ކުރީގެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އެވެ.

މަޝްރޫއުގެ ޕްލޭނާއި، ކޮންސެޕްޓް އެކުލަވައިލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ވާދޫ ކައުންސިލުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ވާދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 25 ބީޗު ވިލާ އާއި 25 ގާޑެން ވިލާ ހިމެނޭ ގޮތަށް ހަތަރު ތަރީގެ ސިޓީ ހޮޓަލެކެވެ.