ސްކޫލްތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީ ކުރަންޖެހޭ އެއްގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގަވައިދު މިހާރު އޮތް ގޮތުން އެފަދަ ވަރަށް ގިނަ ތަންތަން އުވިގެން ހިނގައިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައިޔޫއެމްގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ތައުލީމު ދޭ މަރުކަޒެއް ވެސް ހިންގަވަމުން ގެންދަވާ ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ އަމިއްލަ ތަންތަން އަލުން ރަޖިސްޓަރީކުރަން މަޖުބޫރުކޮށް ދީފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރުމަށް ގަވައިދުގައި ލާޒިމުކުރާ ކަންކަން ކުރުމަށްވެސް އެއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
"ގަވައިދު އޮތް ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތައް އެބަހުރި. ގަވައިދު އޮތް ގޮތުން ވަރަށް ގިނަ ތަންތަން އުވިގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އެފަދަ ގަވައިދުތައް އެކުލަވާލަންވާނ ހާލަތު ވަޒަންކޮށްފައި ކަމަށެވެ. އަދި އެފަދަ ގަވައިދުތައް ހަދަންވާނީ މާލޭގައި އިމާރާތްތައް ހުންނަ ގޮތްވެސް ބަލައި ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ގެޒެޓް ކުރި ގަވާއިދުގެ ދަށުން ޓިއުޝަން ނަގައިދޭ ތަންތަނާއި ޕްރީ ސްކޫލުތަކާއި ގުރުއާން ކިޔަވައިދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ނަގައިދޭ ތަންތަނުގެ އިތުރުން ކުޑަކުދިންނަށް އެކި ކަހަލަ ތައުލީމު އުގަންނައިދޭ ތަންތަން ވެސް ރަޖިސްޓަރީ ކުރަން ޖެހެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަޖިސްޓްރީކޮށްދޭނީ މިނިސްޓްރީން ކިޔަވައިދޭ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ އަސާސީ މިންގަނޑަށް ފެތޭ ތަންތަން ކަމަށެވެ. އެ ތަންތަނުގައި ކިޔަވައިދޭ ޕްރޮގުރާމްތައް ވެސް ވަކިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.
ރަޖިސްޓަރީނުކޮށް ހިންގަމުންދާ ކިޔަވައިދޭ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި ކުރިން ރަޖިސްޓްރީކޮށްފައި ހުރި ތަންތަން ދޮޅު އަހަރުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.
ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަ ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަ ވާން ޖެހޭނެ ކަންކަންވެސް ގަވައިދުގައި ހިމަނާފައިވެ އެެވެ.