ވިލިމާލެ

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކާޓެއް އަޅަނީ

Dec 14, 2021

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހެދުމަށް ބޭނުންވާތީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިދިޔަ އާދިއްތަ ދުވަހު ބާއްވާފައިވާނެ ކަމަށާއި އިތުރު ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި ވެސް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

އިއުލާންގައިވާ ގޮތުން މިމަސައްކަތް ކުރުމަށް ބިޑް ހުށަހެޅޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ގަވައިދުން ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުން އޮތީ މިމަހުގެ 23ވާ ބުރާސްފަތި ދުވަހު އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައި ހިންގާ މާލެ ސިޓީ ކައުންސިލްގެ އޮފީހަށް އެ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.

މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްވެސް މާރުކޭޓެއް މިވަގުތު ވިލިމާލޭގައި ހިންގަމުން ނުދެ އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.