މާލޭ ސިޓީ ކައުންސިލް

"ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ސާފުތާހިރުކަން ކުޑަ"

މާލެ ސަރަހައްދުގައި ހިންގާ ކެފޭ / ރެސްޓޯރެންޓްތަކުގެ ތެރެއިން ގިނަ ތަންތަނުގައި ސާފުތާހިރުކަން ކުޑަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ ސިޓީ ކައުންސިލާއި ހުޅުމާލެ ހޮސްޕިޓަލާއި، އެޗްޕީއޭ އާއި އެޗްޑީސީ ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.

އިދާރާތަކެއް ގުޅިގެން މިދިޔަ މަހުގެ 18 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދޭ ގިނަ ތަންތަނުގެ ސާފުތާހިރުކަން ކުޑަކަން ފާހަގަކުރެވުނުއިރު ބިދޭސީން އެއްވެސް ހުއްދައެއް ނެތި ކާބޯތަކެތީގެ ހިދުމަތް ދެމުން ދިޔަ ކަމަށާއި އެޗްޕީއޭއިން އެފަދަ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އިންސްޕެކްޝަން ކުރިއަށް ގެންދިޔައިރު އެ އިދާރާ އިން ނަގާފައި ހުރި ބައެއް ތަންތަނުގެ ވީޑިއޯތައްވެސް ހިއްސާކޮށްފަ އެވެ.

ވީޑިއޯ ތަކުންވެސް ފެންނަނީ ކާބޯތަކެތީގެ ހިދުމަތް ދޭ ބައެއް ތަންތަނުގެ ސާފުތާހިރުކަން ކުޑަކަމާއި އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ބައެއް ތަންތަނުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް މަންޒަރުތަކެވެ.