ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 21 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 21 އަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް ދަށްވުމަށް ފަހު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ދެ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރު ކޮށްފަ އެވެ. އެއީ މ. މުލަކާއި ނ. މިލަދޫ އެވެ. އަދި ނޮވެމްބަރު މަހު އެޗްޕީއޭއިން ބަންދުކޮށްފައިވަނީ ދެ ރަށެކެވެ. އެއީ ނ. ވެލިދޫ އާއި އދ. މަހިބަދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 12 ރަށެއް ބަންދުކޮށްފަ އެވެ. އެއީ ދ. ކުޑަހުވަދޫ، އދ. މާމިނގިލި، ނ. މާފަރު، ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ޅ. ހިންނަވަރު، ތ. ވިލިފުށި، ތ. ހިރިލަންދޫ، ގދ. ރަތަފަންދޫ އަދި އެ އަތޮޅު ވާދޫ އެވެ.

ރާއްޖެއިން އިއްޔެ 124 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 76 އެވެ.