އިލެކްޝަންސް ކޮމިޝަން

ކެންޑިޑޭޓުންގެ ނިޝާން ފާސްކޮށް ބޭނުންކުރުމުގެ އުސޫލު އެކުލަވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިންތިޒާމުކޮށްގެން ބާއްވާ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުތަކުގައި ހާއްސަ ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރުމަށް އެދޭނަމަ، އެ ނިޝާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްދިނުމުގައި އަަމަލުކުރާނެ އުސޫލު އެކުލަވާލައިފި އެވެ

އީސީން މި ގަވައިދު އެކުލަވާލައި މިއަދު ގެޒެޓް ކޮށްފައިވާތީ މިއަދުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ފަށާނެ އެވެ.

މިގަވައިދުގެ ދަށުން ކޮމިޝަނުން ފާސްކޮށްފައިވާ ލޯގޯއެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ކެންޑިޑޭޓަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.

އީސީގެ ގަވައިދުގައި ބުނެފައިވަނީ ލޯގޯ ނުވަތަ ނިޝާނެއް ފާސްކޮށްދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ގޮތަށް ލޯގޯ ފާސްކުރުމަށް ހުށަހެޅުމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ގާނޫނާއި ގަވާއިދާއި އާންމު ނިޒާމާއި އާންމު އަދަބުތަކާ ހިލާފު ކަމެއް ނުވަތަ މަންޒަރެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުމާއި ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނުވަތަ ސިޔާސީ ޕާޓީއެއްގެ ނުވަތަ ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަ ދީގެން އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ނިޝާނެއް ނުވަތަ ލޯގޯއެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އެހެން ކެންޑިޑޭޓަކު ބޭނުންކުރުމަށް ހުއްދަ ދީފައިވާ ލޯގޯއަކަށް ނުވުމާއި އަދި އެ ލޯގޯއަކީ ކޮމިޝަނަށް ގަބޫލުކުރެވޭ ފަދަ ލޯގޯއަކަށް ވާން ޖެހޭނެ އެވެ.

ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ބޭނުންކުރާނީ އެ ޕާޓީއަކުން ކަނޑައަޅާ ނިޝާނެއް ނުވަތަ ލޯގޯއެއް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އެއްވައްތަރެއްގެ ލޯގޯ ނުވަތަ ނިޝާނެއް ފާސްކުރަން ހުށަހަޅައިފިނަމަ އިސްކަންދޭނީ ފުރަތަަމަ ހުށަހެޅި ފަރާތަކަށެވެ.

ގަވައިދުގައި ހިމެނޭ އިތުރު ކަންކަން

  • ފާސްކުރުމަށް އެދި ހުށަހެޅި ނިޝާން ނުވަތަ ލޯގޯ، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ފާސްވެފައިވާކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އެ ފަރާތަށް އަންގަންޖެހޭނެ.
  • ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ނިޝާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްދިނުމަށް ނުފެންނަކަމަށް ކޮމިޝަނުން ނިންމައި، އެ ފަރާތަށް އަންގާ ތާރީޚުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އައު ލޯގޯއެއް ނުވަތަ ނިޝާނެއް ހުށަހެޅުމުގެ ފުރުސަތު އެ ކެންޑިޑޭޓަކަށް ލިބޭނެ

މީގެ ކުރިން ކެންޑިޑޭޓުން އެހެން ޕާޓީތައް ރަމްޒުކޮށްދޭ ލޯގޯތައް ބޭނުންކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. ނަމަވެސް އެފަދަ އުސޫލެއް ނެތުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެ އެވެ.