ހޯމް ސްޓޭއަށް ރާއްޖޭގެ ފަތުރުވެރިކަން މިސްރާބު ޖަހައިފައިވާ އިރު ރަށްރަށުން ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް ސޯލިހް އެކަމަށް އިލްތިމާސް ކުރެއްވީ ކުނި ނައްތާލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުުމުގެ ސިޔާސަތު މި ސަރުކާރުން ބައްޓަން ކޮށްފައިވަނީ ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދީގެން އެކަނި ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓުތަކާއި ގެސްޓު ހައުސްތައް އަދި ހުރިހާ ރަށެއްގެ ކުނި ރައްކާތެރި ގޮތުގައި ނައްތާލައި ތިމާވެށި އަލުން ދިރުވާ އާލާކުރުމަށް އެލުލަވާލައިފައިވާ ސިޔާސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ދިރުއުޅުމާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމުގެ ހާލަތަށް ވެސް މިހާރު ބަދަލު އަންނަމުންދާ ކަމަށެވެ. އެގޮތުން އުމްރާނީ މަސައްކަތްތަކާއި ފަތުވެރިކަމާއި އިގްތިސާދީ ހަރަކާތްތައްވެސް މިހާރު އިތުރުވެ އެފަދަ ކޮންމެ ބަދަލަކާއެކު ކުނި އުފެދޭ މިންވަރު އިތުރުވާ ކަމަށެވެ. އެހެންކަމުން އެކަމަށް އަބަދުވެސް ވަަރަށް ބޮޑަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.
ރައީސްގެ ވާހަކަ ފުޅުގައި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އަދި އަންނަ އަހަރު ފަށަން ނިންމާފައިވާ "ހޯމްސްޓޭ"ގެ ވިޔަފާރިއަށް އިޝާރާތް ކުރައްވާ ވިދާޅުވީ މި ބަދަލަށް އަޅުގަނޑުމެން މިސްރާބު ޖަހާއިރު ތިމާވެއްޓަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރަށްރަށް އަބަދުވެސް ކުނި ކަހައި ރީތިކޮށް ބަލަހައްޓާ ބަޔަކަށް ވާއިރު ރަށު ފަތުރުވެރިކަން ފުޅާވެ ހޯމް ސްޓޭއަށް ފަތުރުވެރިކަން ތައާރަފްވާއިރު ރަށްރަށުގެ ސާފުތާހިރުކަމަށް ވެސް އިތުރު ސަމާލުކަމެއް ދޭން ޖެހޭ. ރަށްރަށުގެ މާހައުލީ ނިޒާމާއި ތިމާވެށި ހިމާޔަތްކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ. ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމްކުރުމުގެ ހަގީގީ ބޭނުމަކީ އެއީ" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށް ރަށުގެ ކުނީގެ މަރުކަޒުތަކުގެ މަސައްކަތް ފެށުމުން ފަނާވާ ޒާތުގެ ކުނި ފިޔަވައި އެ ނޫން ބާވަތްތަކުގެ ކުނިތައް ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ކުނި އެންދުން ހުއްޓުމަކަށް ގެނެވި ރަށްރަށުގައި އުފެދޭ ކުނިން އެރަށެއްގެ މީހުންނަށް އިތުރު އުނދަގޫތަކާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ.