ކެނދިކުޅުދޫ

ކެނދިކުޅުދޫގެ 12 ނިކަގަސް ރަށުން ބޭރުކުރަނީ

ނ. ކެނދިކުޅުދޫގައި ހުންނަ 12 ނިކަ ގަސް އެހެން ރަށްރަށަށް ބޭރުކުރަން ނިންމައިފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް އަވަސްއަށް ވިދާޅުވީ މި ނިންމުން ނިންމީ އެރަށުން ގޯތި ދޭން ނިންމި ސަރަހައްދުގައި އެ ނިކަ ގަސްތައް ހުންނާތީ ކަމަށެވެ.

އެ ނިންމުން ނިންމައި އެކަމާ ގުޅޭ ހުއްދަތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ހޯދައިފައިވާ ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ދޭން ކަނޑައެޅި ސަރަހައްދުގައި 18 ނިކަގަސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން 12 ގަސް ބަދަލުކުރަން ނިންމާފައިވަނީ މިހާރު ހަދަމުންދާ ރަށްފަޅު ރިސޯޓަށެވެ. އަދި ބާކީ ހުރި ހަ ގަސް ރަށުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރާށެވެ. އޭގެ ތެރެެއިން ދެ ގަސް މިހާރު ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެސް ކޮށްފަ އވެެ.

"މިއީ ވަރަށް ހަރަދުވެސް ބޮޑު ކަމެއް. ހަމަ ބޮޑު ކުންފުންޏަކާ ހަވާލުކޮށްގެން މިކަން ކޮށްފައިވަނީ. ދެން ކްރޭން ވެސް ބޭނުންކުރި" ރައޫފް ވިދާޅުވި އެވެ.

އީޕީއޭގެ ހުއްދަ ނުހޯދައި ރަށްރަށުން ރުކާއި ގަސް ބޭރުކުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ރަށްރަށުގެ ކައުންސިލްތައް ބޮޑެތި އަދަދުން ޖޫރިމަނާވެސް ކޮށްފައި ވެއެވެ.