ހަބަރު

ދައުލަތުގެ ބާރު ކަނޑުވާލަން އެއްވެސް ފުރުސަތެއް ނުދޭނަން: ރައީސް

Dec 13, 2015
8
  • އިގްތިސާދީ ކަންކަމުގެ ތެރެއިން ނުފޫޒު އާދޭ
  • ވަކި މީހެއްގެ މަސްލަހަތަށް ވުރެ ގައުމު މަސްލަހަތު މާ ބޮޑު
  • ތަރައްގީ އަށް އެންމެ މުހިންމީ ރިވެތި އަހުލާގެއް ހުރުން

އެއްވެސް ފަރާތަކުން ދައުލަތުގެ ބާރު ކަނޑުވާލައި، ގައުމުގެ ކަރާމާތަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބާ ހއ.އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ދައުލަތް ބަލިކަށިވެ، އަޅުވެތިކަމާ ދިމާލަށް ރާއްޖެ ކޮންމެ ފަހަރަކުވެސް ދަތުރުކޮށްފައިވަނީ ދައުލަތުގެ ކަރާމާތަށް ގެއްލުންދީ، މުޖުތަމައުގެ މަސްލަހަތަށްވުރެ ކުރިއަށް ވަކި ފަރުދެއްގެ މަސްލަހަތު ނެރެން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެ ފުރުސަތު ދެން އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށާއި، ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި މުޖުތަމައުގެ ފުދުންތެރިކަން ދަމަހައްޓަން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތް ރައްކާތެރިކޮށް މިނިވަންކަން ދަމަހައްޓަން މަސައްކަތްކުރާ ތެދުވެރި ދިވެހިން އުފައްދަން ޖެހޭކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިނިވަންކަން ހޯދަން ދެ ކުރަންޖެހޭނީ އަސްކަރީ ޖިހާދެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ކުރާ ހަނގުރާމަ އަކީ ފިކުރީ ގޮތުން މީހުންގެ ސިކުނޑިތަކާ ކުޅުމާއި ހާރިޖީ ގުޅުންތަކުގެ ތެރެއިން ލާފައި އަންނަ ނުފޫޒުތަކެއް ކަމަށެވެ. ދީނާއި އިންސާނީ ހައްގުތަކާއި އަފަދަ ކަންކަމުގެ ނަމުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހުން އިތުރުވަމުންދާ ކަމަށާއި، ރާއްޖެއަށް ވެސް އެފަދަ ފިއްތުންތައް އިންތިހާއަށް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފިކުރުތަކަށް ސަމާލުވެތިބެ ދައުލަތާ ގައުމަށް ވަފާތްތެރިވުމަށް އަޒުމް ކަނޑައަޅަން އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަށް ބޭރުގެ އެކި ދައުލަތްތަކުން ޝައުގުވެރި ނުވާ އެއްވެސް ދުވަސްވަރެއް ނުދޭ. އެފަދަ ފަރާތްތަކުން އަބަދުވެސް މަސައްކަތްކުރާނެ ރާއްޖެ އަތުލައިގަންނަން. އެހެން ނަމަވެސް އުފާކުރަންޖެހޭ ސަބަބަކީ އެފަދަ ކޮންމެ ހާލަތެއްގައިވެސް ގައުމު ދިފާއުކުރަން ބޭނުންވާ ދަރިންތަކެއް ތިބޭކަން. އަޅުގަނޑުމެން ރާއްޖެ ނިކަމެތިވިޔަ ނުދޭނަން. އަޅުގަނޑުމެނނަށް އަންނަ ފިއްތުންތަކަކީ ދީނުގެ ނަމުގައާއިި ތަފާތު އެކި އިގްތިސޯދީ އެޖެންޑާގެ ނަމުގައި އަންނަ ފިއްތުންތަކެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގައިތިބި ގައުމުތަކާއެކު އެއް ސަފެއްގައި ފައިހަމަކޮށްލުމުގެ ފުރުސަތު އަވަހަށް ދިވެހިންނަށް ހޯދައިދެއްވުމަކީ އަބަދުވެސް ދެކިވަޑައިގަންނަވާ ހުވަފެންފުޅެކެވެ. އެގޮތުގައި ރާއްޖެ ކުރިއެރުވުމަށް، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކޮށް، ގައުމުގެ ވަސީލަތް ތަރައްގީކުރަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރުވެފައިވާއިރު، ރާއްޖެއަށް ތަރައްގީގެ ރޭހުގައި ހާސިލްކުރެވިފައިވާ މިންވަރާމެދު ވިސްނާލަންޖެހޭ ކަމަށެވެ. ފާއިތުވި މުއްދަތުގައި ރާއްޖެއަށް އަންނަންޖެހޭ ވަރާ ގާތަށްވެސް ތަރައްގީ އައިސްފައި ނުވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުރިއަށް ނުދަނީ ގައުމާ ދައުލަތަށް ހިތުގައި ދެވިފައި އޮންނަ ގަދަރު ކުޑަވުމުން ކަމަށެވެ. ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކާ ރާއްޖެއާ ހުރި ތަފާތަކީ އެއީ ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ސިންގަޕޫރުގައި އޮތީ ވަރުގަދަ ހަރުދަނާ އިޖްތިމާއީ އަހުލާގެއްގެ މަތީގައި އޮތް މުޖުތަމައެއް. އެގައުމުގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުނު އިރު ދައުލަތުގެ ހުރުމަތް ކަނޑާލައި ދައުލަތް ވައްޓާލަން ނުކުތް ހަމަ އެކަކުވެސް ނެތް. ސިންގަޕޫރު ސިންގަޕޫރަށް ހަދައިދިން ވެރިންގެ ނަޒަރުގައި އިޖްތިމާއީ އަޚްލާގު ކުރިއެރުވުމަކީ ޑިމޮކްރަސީ ކުރިއެރުވުމަށްވުރެ ވެސް މުހިއްމު ކަމެއް. ރާއްޖެއަށް ބޭނުންވަނީވެސް އެފަދަ އަހުލާގެއް އޮތް މުޖުތަމައެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ކަރާމާތާ މިނިވަންކަން ދަމަހައްޓައި ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ ގައާންމު ފަރުދުންގެ ފުދުންތެރިކަން އިތުރުކުރެވިގެންނެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލު ކުރާ ބެސްޓް ޕްރެކްޓިސެސް ރާއްޖޭގައި ގާއިމްކޮށްގެން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖެ އެފަދަ މިސްރާބަކަށް ގެންދަން ކަމަށާއި "އައިހެވަން" މަޝްރޫއަކީވެސް އެ ވިސްނުމުގެ ދަށުން ފަށާފައިވާ އުންމީދީ މަޝްރޫއެއް ކަމަށެވެ.