އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހަޓްތައް ނަގަން އަންގައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގައިފި އެވެ.

އެޗްޑީސީ އިން ބުނީ ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ދީފައިވާ މުއްދަތުގައި ތަކެތި ނުނަގައިފިނަމަ އެ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށާއި ސާފުކުރުމުގެ ތެރޭގައި ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައިވާ ތަނަކަށް ވާތީ އާއި ވަސީލަތްތައް ގާއިމުވެފައި ނުވާތީ ގިނަ ދަތިތައް ހުރި ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެ ސަރަހައްދު މިހާރު ބޭނުންކުރަމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރަމެވެ." އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.