ރައްޔިތުންގެ މަޖިލިސް

މަގާމުތަކުގެ 50 ޕަސަންޓް އަންހެނުންނަށް ހާއްސަކުރަނީ

Dec 15, 2021
1

ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމުތަކާއި އިންތިހާބީ މަގާމުތަކަށް ކަނޑައަޅާ ބޭފުޅުންގެ ތެރެއިން 50 ޕަސަންޓް މަގާމު އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިމަންޓް ފޯ ވިމެން"ގައި ބައިވެރިވި ފަރާތްތަކާ މަޖިލީހުގެ އިދާރާގައި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ވާދަކޮށްގެން ކާމިޔާބުކުރުމަށް މިވަގުތު އަންހެނުންނަށް ދަތިތަކެއް ހުރި ކަމަށެވެ. އެ ދަތިތައް ނައްތާލުމަށްޓަކައި ސިޔާސީ ޕާޓީ ތަކާ މަޝްވަރާ ކޮށްގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ޕާޓީ ތަކުން އެއްބާރުލުންދީ އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ދަތިތަކާ އެކު ވެސް އިންތިހާބީ މަގާމުތަކަށް އަންހެނުން ވާދަކޮށް، ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ތެރެއިން ވެސް 50 ޕަސަންޓް ބޭފުޅުންނަކީ އަންހެނުން ކަމުގައި ހަމަޖެއްސުމަށް އެކަމުގައިވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ނަޝީދު ދެއްވެވި އެެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ވެސް 33 ޕަސަންޓް ބޭފުޅުންނަކީ އަންހެނުންނެވެ. އަދި ލޯކަލް ކައުންސިލް ތަކުގައި ވެސް 30 ޕަސަންޓަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން އަކީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ހަރަކާތްތެރިކަމާއި ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.