ދުނިޔެ

އިނގިރޭސި ރާނީ އޮމާންގެ ސުލްތާންއާ ބައްދަލު ކުރައްވައިފި

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 95، އޮމާންގެ ސުލްތާން ހައިސަމް ބިން ތާރިގް 66، އާ ބައްދަލު ކުރައްވައިފި އެވެ.

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވުމަށް ފަހު އެކަމަނާ އާންމުކޮށް މީހުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވަ އެވެ.

އަނެއްކޮޅުން އެކަމަނާގެ ބަލިހާލަތު ހުރި ގޮތުން ހަރާތްތައް މަދުކުރެއްވުމަށް ޑޮކްޓަރުން އޮތީ ނަސޭހަތްތެރިވެފަ އެވެ. ގިނަވަގުތު އަރާމުކުރެއްވުމަށާއި ގަނޑުވަރުގައި ދުވަހުން ދުވަހަށް ބަލަހައްޓަވާ ޒިންމާތައް މަޑުޖައްސާލަން ވެސް ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ.

ސުލްތާން ހައިސަމް ބިން ތާރިގް އޮކްސްފޯޑް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވި ކަމަށްވެ އެވެ. އޮމާންގެ ކުރީގެ ސުލްތާން ގާބޫސް އަވަހާރަވުމާ ހަމައަށް ހައިސަމް ހުންނެވީ ދައުލަތަށް ޚިދުމަތް ކުރެއްވުމުގަ އެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ކަލްޗަރާއި ހެރިޓޭޖް މިނިސްޓަރުކަން ހިމެނެ އެވެ.

އިނގިރޭސި ރާނީ އާއި ހައިސަމް ބައްދަލު ކުރެއްވި ސަބަބެއް ގަނޑުވަރުން ހާމައެއް ނުކުރެ އެވެ. އަދި ދެބޭފުޅުންގެ ބައްދަލުވުމާ ބެހޭ ގޮތުން ޚަބަރަށް އެކައްޗެއް ވެސް ނުދެ އެވެ. ގަނޑުވަރުން ބުނިހާ ވެސް އެއްޗަކީ ދެބޭފުޅުން ވަރަށް އެކުވެރިކަމުގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ސުލްތާން ހައިސަމްއާ ބައްދަލު ކުރެއްވުމަށް އިނގިރޭސި ރާނީ ހުންނެވީ ވަރަށް އުފަލުންނެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގައި ހުރި މޮޅިކަމެއް ފިޔަވައި އެކަމަނާ ފެންނަނީ ހިނިފުޅުވަޑުވާ މަންޒަރެވެ.

ސުލްތާން ހައިސަމްއާ އެކު އަނބިކަނބަލުން ސައްޔިދާ އަހަދު ބިންތު އަބްދުﷲ 51، ވެސް ރާނީއާ ބައްދަލު ކުރައްވައި ސަލާންގަލާން ކުރެއްވި އެވެ.