އިނގިރޭސި ރާނީ އެލިޒަބަތު II އުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހު އަވަހާރަވެއްޖެ އެވެ. އެ ކަމަނާ އަވަހާރަވިކަން ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ވެސް ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ.
ކުއީން އެލިޒަބަތު ދޭއް އަކީ އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ރާނީ އެވެ. އެ ކަމަނާ ވަނީ ރަނިކަމަށް 70 އަހަރު ފުރުން ވެސް ފާހަގަކުރައްވާފަ އެވެ.
އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ. އެ ކަމަނާ އުފަންވެ ވަޑައިގަތީ އޭޕްރީލް 21، 1926 ވަނަ އަހަރު އެވެ.
ރާނީ އަވަހާރަވުމާ އެކު އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް، 73، އަށް އޮޓަމެޓިކުން ރަސްކަން ލިބިވަޑައިގަންނަވާނެ އެވެ. އަދި ޗާލްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްސް އަށް ޗާލްސް ކުރިން ހުންނެވި މަގާމު -- ރަސްމީކޮށް އިނގިރޭސި ވަލީއަހުދުގެ މަގާމު ލިބިވަޑައިގަންނަވާނެ އެވެ.
އިނގިރޭސި ޚަބަރުތައް ބުނާ ގޮތުން ރާނީ އަވަހާރަވުމުގެ ހިތާމަ ގައުމީ ފެންވަރުގައި 10 ދުވަހަށް ދިގު ދަންމާލާނެ އެވެ.
ރާނީ އަވަހާރަވެފައި މިވަނީ ހާލުކޮށް ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކުރިތާ ގިނައިރުތަކެއް ނުވަނީހެވެ.
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އޭޕްރީލް 9، 2021 ގައި އަވަހާރިވި ފަހުން އެ ކަމަނާ އުޅުއްވަނީ ނަފުސާނީ ގޮތުން ބަލިކަށިކޮށެވެ. ދޭތެރެ ދޭތެރެއިން ހާލުކޮޅު ސީއިރަސްވެ ފަރުވާ ދެއްވަންވެސް ޖެހިވަޑައިގެންފައިވެ އެވެ.
އެ ކަމަނާއަށް ފެބްރުއަރީ 20 ގައި ކޮވިޑު ޖެހިވަޑައިގެން ވެސް ވަނީ އާލާސްކަންފުޅު އިތުރުވެފަ އެވެ. އެއަށްފަހު ހަފުލާތަކުގައި ބައިވެރިވެ ވަޑައިގަތުން ވަނީ ވަރަށް ބޮޑަށް މަދުކުރައްވާފަ އެވެ.
ރާނީ އަވަހަރަވުމުގެ ދެތިން ދުވަސް ކުރިން އިނގިރޭސި ވިލާތަށް އާ އަންހެން ބޮޑުވަޒީރަކަށް -- ލިޒް ޓްރަސްއަށް ރުހުން ދެއްވި އެވެ. ރާނީގެ ހާލުކޮޅު އިވިވަޑައިގެން ލިޒް ޓްރަސް ހިތާމަފާޅުކުރައްވައި ވަނީ ޓްވީޓް ވެސް ކުރައްވާފަ އެވެ.
އިނގިރޭސި ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރާނީ އެލިޒަބަތު 15 ބޮޑުވަޒީރަކަށް ރުހުން ދެއްވި އެވެ. އަދި އިތުބާރު ކުރައްވައި އިނގިރޭސި ސަރުކާރު ހިންގުން ހަވާލުކުރެއްވި އެވެ.
ގައުމުތަކުގެ ލީޑަރުން މިހާރު ގެންދަވަނީ ރާނީ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި ޔޫރަޕިއަން ޔޫނިއަންގެ ޗީފް ޗާލްސް މިޝޭލް ހިމެނިވަޑައިގަންނަވަ އެވެ.