ދުނިޔެ

ބިދޭސީންގެ މައްސަލަ ހައްލުކުރަން ފިޔަވަޅުތައް ހަރުކަށި ކުރަނީ

އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެ އެވެ.

ސުނަކު ވިދާޅުވީ އެކި ކުށްތަކުން ސަލާމަތްވުމަށް އިނގިރޭސިވިލާތަށް ބަދަލުވެ އެ ގައުމުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނާއި ގާނޫނާއި ގަވައިދުތަކާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ގާނޫނާ ހިލާފަށް އުޅޭ މީހުން ފާހަގަކުރެވޭ ވަރަކުން އެ މީހުން ހައްޔަރުކޮށް އެ މީހަކު ދާން ބޭނުންވާ ގައުމަކަށް ފޮނުވާލުމަށްވެސް ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ސުނަކް ވިދާޅުވި އެވެ.

އިނގިރޭސިވިލާތާއި ފްރާންސާ ދެމެދު އޮންނަ ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހުންގެ އަދަދު މިދިޔަ ދެ އަހަރު ތެރޭގައި ދެގުނަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން އިނގިރޭސިވިލާތަށް އެތެރެވެފައިވަނީ އަލްބޭނިއާ އިންނެވެ. އެ ގައުމުން 150،000 އެއްހާ މީހުން އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ ކަމަށް ދައްކަ އެވެ.

ސުނަކުގެ ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަތައް ބެލުމަށް ތިބޭ މުވައްޒަފުންގެ އަދަދު ވެސް ދެގުނަ އިތުރުކުރުމަށް ނިންމާފަ އެވެ.

ގާނޫނާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާ ބިދޭސީންގެ އަދަދު އިތުރުވުމަކީ އެ ގައުމުގައި މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލަ އެކެވެ. ބިދޭސީންގެ ސަބަބުން މެދުފަންތީގެ ވަޒީފާތައް ހޯދުމަށް ދަތިވާ ކަމުގެ ކަންބޮޑުވުން ވެސް އިނގިރޭސި ރައްޔިތުންގެ މެދުގައި އެބައޮތެވެ.