ބްލެކްމެއިލްކުރުމުގެ ކުށް ސާބިތުވެގެން ހަތަރު އަހަރަށް ޖަލަށްލީ އިނގިރޭސިވިލާތުގެ ފިރިހެނަކު ޖަލުގައި ހުންނަތާ އެންމެ ދެ ދުވަސް ފަހުން މިނިވަންކޮށްފި އެވެ.
އޭނާ މިނިވަން ކުރެވުނީ އެކްސިޑެންޓަކުން ކަމަށް ޖަލު އޮފިޝަލުން ބުނެފައި ވެއެވެ. މި މީހާ އެހާ އަވަހަށް ޖަލުން މިނިވަން ވުމުން އެކަމާވީ އުފަލުން އުފާ ފާޅުކުރަނިކޮށް ޖަލު އޮފިޝަލުން އައިސް ދެވަނަ ފަހަރަށް އެމީހާ ވަނީ ގެންގޮސް ޖަލަށް ލާފަ އެވެ.
ލޯރަސް މަޓިއުސޯވަސް ހަތަރު އަހަރަށް ޖަލަށް ލާން ވުޑް ގްރީން ކްރައުން ކޯޓުން ހުކުމް ކުރީ ފާއިތުވީ ނޮވެމްބަރު މަހު އެވެ. މި ހުކުމް ތަންފީޒުކުރުމުގެ ގޮތުން އޭނާ ޖަލަށް ލީތާ 48 ގަޑިއިރު ތެރޭ ނޮވެމްބަރު 26 ވަނަ ދުވަހު އޭނާ ވަނީ މިނިވަންކޮށް ޖަލުން ނެރެފަ އެވެ.
މިހެން ދިމާވީ ކޯޓުގެ ލިޔުންތަކުގައިވާ ކުށެއްގެ ސަބަބުންނެވެ. ޕްރިޒަން އޮފިސަރުން އައިސް ލޯރަސް ކައިރީގައި އޭނާ ޖަލުން މިނިވަން ވެފައިވާ ކަމަށް ބުނެ ޖަލު ގޮޅިން އޭނާ ނެރެ މިނިވަންކޮށް ފޮނުވާލުމުން ޚުދް ލޯރަސް ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
ވާނުވާ ނޭނގުނަސް ޖަލުން ސަލާމަތްވުމުން ލޯރަސް އޭނާގެ އެކުވެރިޔަކަށް ގުޅައި ގެއަށް ގެންގޮސްދޭން ބަލާ އައުމަށް އެދުނެވެ.
ގެއަށް ދިޔަ މަގުމަތީގައި ލޯރަސް އޭނާގެ އެކުވެރިންނާއެކު އުފަލުން މަޖާ ކުރާ ތަން ފެންނަ ވީޑީއޯ އެއްވެސް ސޯޝަލް މީޑިއާއަށް އެމީހުން ލާފައި ވެއެވެ.
"އޭނާ ޕްރޮބޭޝަން އޮފިޝަލުންނާ ވެސް ގުޅައިގެން މައުލޫމާތު ސާފުކުރި. އެމީހުން ވެސް ބުނި ހުރިހާ ކަމެއް ވެސް ރަނގަޅަށޭ ހުރީ. ގަވާއިދުން ސޮއިކުރަން އެޕޮއިންޓްމަންޓަށް ހާޒިރުވައްޗޭ. އޭނާ ފްލައިޓަކަށް އަރައިގެން ގައުމުން ބޭރަށް ކޮންމެ ތަނަކަށް ދާން ވެސް ފުރުސަތު ލިބުނު،" ލޯރަސްގެ އެކުވެރިއަކު ބުންޏެވެ.
ލޯރެސް ޖަލަށްލީ މީހަކު ބްލެކްމެއިލްކުރުމުގެ ކުށް ސާބިތުވެގެން ނަމަވެސް ސީރިއަސް ކުށްތައް ކޮށްގެން ޖަލަށް ލާފައި ހުރި މީހަކު މިގޮތަށް ދޫވިނަމަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށާއި މިގޮތަށް މީހުން ދޫވުމަކީ ބިރުވެރި ކަމެއް ކަމަށް ބައެއް މީހުން މި ޚަބަރު ކިޔާފައި ކޮމެންޓް ކޮށްފައި ވެއެވެ.
ނަމަވެސް ލޯރަސް ޖަލުން މިނިވަން ވެގެން އުޅެވުނީ ވަރަށް މަދު ދުވަސްކޮޅަކު އެވެ. އޭނާ ޖަލުން ނެރެވުނީ އޮޅުމަކުންކަން އެނގުމުން ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށް ޖަލަށް ގެންގޮސްފަ އެވެ.
ޔޫކޭގެ މިނިސްޓްރީ އޮފް ޖަސްޓީސްގެ ތަރުޖަމާނު ބުނި ގޮތުގައި މިފަދަ ކުށެއް ޖެހެނީ ވަރަށް މަދު ފަހަރެއްގައި ނަމަވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި އެކްސިޑެންޓަކުން ޖަލުން މިނިވަންވީ މީހާ މިހާރު އަނެއްކާވެސް ހުރީ ޖަލުގައިކަން އޭނާ ފާހަގަ ކުރި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ޖަލަކުން ވެސް މީހަކު އޮޅުވާލައިގެން މިނިވަން ވެފައި ވެއެވެ. އެލެން ރެނޭ ގޮބްލް ނަމަކަށް ކިޔާ 24 އަހަރުގެ މި އަންހެން މީހާ ޖަލުން ނުކުތީ އޭނާއާ އެކު ޖަލުގައި ހުރި އެހެން އަންހެނަކަށް ހެދިގެންނެވެ.
މިކަން ދިމާވީ ގޮބްލް ބަހައްޓާފައި ހުރި ގޮޅި ސާފުކުރަން އޭނާ އެހެން ގޮޅިއަކަށް ބަދަލުކުރުމުން އެތާނގައި ހުރި މީހަކަށް ހެދިގެން އޭނާ އެމީހާގެ ސެލްގައި މަޑުކޮށްފައި އޭނާއަށް ހެދިގެން އެމީހާ އޭނާގެ ސެލް އަށް ފޮނުވައިގެންނެވެ. އެމީހާ އަކީ އެ ދުވަހު މިނިވަންކުރަން ހަމަޖެހިފައިވާ މީހަކަށް ވާތީ އެމީހާގެ ބަދަލުގައި ގޮބްލް މިނިވަންވީ އެވެ.