މާލޭ ސިޓީ ކައުންސިލް

ޕާކިން ޒޯންތަކުގެ ގުރުނެގުން އަނެއްކާ ބާއްވަނީ

މާލޭގެ އެކި ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި އަގު ނަގައިގެން ވެހިކަލް ޕާކް ކުރަން ކަނޑައަޅާފައިވާ ޖާގަތަކުގެ ގުރުނެގުން އަނެއްކާވެސް ބާއްވަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޒޯންތައް ލިބުނު މީހުންގެ ގުރުނެގުން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވި އެވެ. އަދި އެ ޒޯންތަކުގައި ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ ޖާގަތައް ލިބުނު މީހުން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްލޮޓްތައް ދިނުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ކައުންސިލުގެ އެއްވެސް މެންބަރަކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ޕާކިން ސްލޮޓުތަކުގެ ގުރުއަތު ނެގުމުގައި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި އޭސީސީން މިހާރު ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީގައި އޭސީސީން ފާހަގަކޮށްފައި ހުރީ އިދާރީ ބައެއް މައްސަލަތައް ކަމަށެވެ.

"ގުރުއަތާ ގުޅިގެން ގިނަ މީހުން ފާހަގަކުރި އެންމެ ބޮޑު ކަމަކީ ބައެއް މީހުންނަށް ލިބުނު ސްލިޕްކޮޅުގައި ނަންބަރު ނެތުމުގެ މައްސަލަ. ކައުންސިލުގެ ސިސްޓަމުގެ ތެރެއިން ހުރިހާ ނަންބަރެއް ވެސް ފެންނަން އެބަހުރި. ނަމަވެސް މައްސަލައަކަށް ވީ ދޫކުރި ބައެއް ސްލިޕްތަކުގައި ނަންބަރު ނެތުން." މުއިއްޒު ވިދާޅުވި އެވެ.

ގުރުއަތު ނެގުމުގައި އިދާރީ ގޮތުން ހުރި މައްސަލަތަކާހެދި ހިތްހަމަނުޖެހުމާއި ޝައްކު އުފެއްދުމުގެ ފުރުސަތު އޮތްކަން ގަބޫލުފުޅު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އަލުން ގުރުއަތުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެންމެ ނަޒާހަތްތެރި، އެންމެ ޕްރޮފެޝަނަލް ގޮތަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް ގުރު ނެގުން އޮންނާނެ ކަމަށެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ޒޯން ކުއްޔަށް ދިނުމަށް ހުޅުވާލުމުން 969 މީހަކު ވަނީ ކުރިމަތިލާފައި ވެއެވެ.

އެންމެ ގިނަ ޖާގަ ހުޅުވާލީ ސަލްމާން މިސްކިތް ކައިރީގައިވާ ޒޯނުންނެވެ. އެ ސަރަހައްދުން 58 ޖާގަ ކުއްޔަށް ދޭން ނިންމާފައިވެ އެވެ. ދެވަނަ އަަށް އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރަން ނިންމީ ވައިދެރިހިނގުމުންނެވެ. އެ ސަރަހައްދުން 44 ޖާގަ ކުއްޔަށް ދޫކުރާނެ އެވެ. މީގެ އިތުރުން ރާދަފަތި ހިނގުމުން 21 ޖާގަ، ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތިފަޅިން 20 ޖާގަ، ކުރެދިގޯޅިން 10 ޖާގަ، ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި -- ސްޓޭޑިއަމް ފަޅީގައި 10 ޖާގަ، ސޮލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި އަލިމަސް ކާނިވާ ސަރަހައްދުން ހަ ޖާގަ ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވެ އެވެ. ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗް ޕާކިން ޒޯނުން 24 ޖާގަ ކުއްޔަށް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ޕާކިން ޖާގަ ލިބުނު ޕްރައިވެޓް ކާރުތަކުގެ ވެރިފަރާތްތަކުން މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީ ބާއްވަން ޕާކިން ޖާގަ ލިބުނު މީހުން ދައްކަންޖެހޭނީ މަހަކު 750 ރުފިޔާ އެވެ.