ހުޅުމާލެ ޕޯޓްސް އިން މުދާ ކްލިއާ ކުރުމުގެ ހިދުމަތްތައް ހުއްޓާލައި، ވަގުތީ ގޮތުން އެ ހިދުމަތްތައް މާލެއަށް ބަދަލުކޮށްފި އެވެ. އެގޮތަށް ހަމަޖެއްސީ ކުޅޭ ތަކެތީގެ ނަމުގައި އޮޅުވާލައިގެން އެމްއެމްޕީއާރުސީ އިން ބަޑިބޭސް ކޮންޓެއިނަރެއް އެތެރެކޮށް ހުޅުމާލެ ޕޯޓުން އޭތި ކްލެއާ ކުރި މައްސަލައެއް ފަންމަތިވިފަހުންނެވެ.
އެގޮތަށް ހަމަޖެއްސި ސަބަބާ ގުޅޭ ގޮތުން، "އަވަސް" އާ ވާހަކަދައްކަމުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ ހުޅުމާލެ ޓާމިނަލް އިން މުދާ ކްލިއާ ކުރުމުގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓުގެ ދަތިކަން މިދުވަސް ކޮޅު ހުރި ކަމަށެވެ. އަދި މުދާ ހުޅުމާލެ ގެންދިޔުމަށް ފަހު ކްލިއާ ކުރަން ގިނަ ވަގުތުތަކެއް ނަގާތީވެ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން އެ ޕޯޓްގެ މަސައްކަތްތައް މިހާރު މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ރާއްޖެ ތެރެއަށް ގެންދާ މުދާ މާލޭ ބަނދަރަށް ބާލައި ބާޖެއްގަ ގެންދަނީ ހުޅުމާލެ ބަނދަރަށް. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އިކުވިޕްމަންޓުގެ ދަތިކަމެއް ހުރީމަ ރާއްޖެތެރެއަށް ގެންދާ މުދާ ހުޅުމާލެއަށް ގެންދަން ލަސްތަކެއް ހުރޭ،" ޝަރީފް ވިދާޅުވި އެވެ. "އެހެންވެ ކަސްޓަމަރުންވެސް އެދިވަޑައިގަތީ ލަސްވުމުގެ ބަދަލުގައި މުދާ މާލެއިން ދޫކުރެވޭ ގޮތެއް ހެދުމުން ފަސޭހަ ވާނެ ކަމަށް. އެކަން އެގޮތައް ބަދަލު ކުރުމަށް. އެހެން ކަމުން މިމަސައްކަތް މާލެ އަށް މި ބަދަލު ކުރީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ޕޯޓްސް އިން މުދާ ކްލިއާ ކުރުމުގެ މަސައްކަތް މާލެ ބަދަލުކޮށްފައިވީ ނަމަވެސް ބައެއް އެހެނިހެން މަސައްކަތްތައް އަދިވެސް ހުޅުމާލެ ޕޯޓްސްގައި ކުރިޔަށް ދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އެމްޕީއެލް އިން ކުރިން ބުނެފައިވަނީ ހުޅޫމާލޭގައި ޕޯޓްސް އެއް ހުޅުވަން ނިންމީ ހުޅުމާލޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހެޔޮއަގުގައި މުދާ އުފުލުމުގެ ފުރުސަތު ދިނުމަށާއި ހުޅުމާލޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ސީދާ ހުޅުމާލެއަށް ގެނައުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.