މޯލްޑިވްސް ޕޮލިސް ސާވިސް

119 ކިލޯގެ ޑްރަގް: ތިން މީހަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ ޑްރަގާއެކު ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދެ ދުވަހު މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ދިވެހިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ މާލޭގެ ތިން ގެއެއް، ހުޅުމާލެއިން ގެއެއް އަދި ޓެކްސީއަކާއި ޕްރައިވެޓް ކާރެއްގެ އިތުރުން ތިން ސައިކަލް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކުރި އެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ ޑްރަގް ވަނީ ހޯދާފަ އެވެ.

އަދި މިމަހުގެ 14 ވަނަ ދުވަހު މި މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް، ހުޅުމާލެއިން ކާރެއް ބަލައި ފާސްކުރި އެވެ. ފުލުހުން ބުނީ އެކާރުން ވެސް ގިނަ އަދަދެއްގެ ޑްރަގް ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ. އަދި 29 އަހަރުގެ މީހާއަށް ފުރަތަމަ އެއް ދުވަސް އަދި ފަހުން 14 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.