ޕީޕީއެމް

އިންޑިއާ އައުޓް ސައިކަލު ބުރު މާދަމާ ބާއްވަނީ

ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޕީޕީއެމް / ޕީއެންސީން ބާއްވަން ތާވަލުކުރި ސައިކަލު ބުރު މާދަމާ ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމް / ޕީއެންސީއަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި ސައިކަލު ބުރު އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދުވަހު އެކަން ކުރިއަކަށް ނުގެންދެވުނެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސައިކަލް ބުރު ފަށާނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ.

މިއީ ރައީސް އަބްދުﷲ ޔާމީން މިނިވަންވަޑައިގަތުމުން އުފާފާޅުކުރުމުގެ ގޮތުންނާއި އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވާތީ އަޑު އުފުލުމުގެ ގޮތުން ބާއްވާ ސައިކަލު ބުރެކެވެ.

މިއީ ސައިކަލު ބުރެއް ނަމަވެސް ފައިމަގުގައި އުޅޭ މީހުންވެސް މި ހަރަކާތުގައި ބައިވެރިވާން ޕީޕީއެމުން އެދެ އެވެ.

އިންޑިއާގެ ނުފޫޒާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ހަރަކާތްތައް އިދިކޮޅުން ފުޅާކުރަމުން އަންނައިރު މީގެ ކުރިންވެސް ކޮންމެ ހަފްތާ އަކު އިދިކޮޅުން ދިޔައީ މިފަދަ އެއްވުންތަކެއް ބާއްވަަމުންނެވެ.