ރައީސް މުހައްމަދު ނަޝީދު

ފަރުވާއަށް ރައީސް ނަޝީދު އައިޖީއެމްއެޗަށް ގެނެސްފި

ޓެރަރިޒމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފަރުވާއަށް މާލެ ގެނެސްފިއެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުނީ ބޭސް ފަރުވާ އަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ނަޝީދު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށާއި އަދި ނަޝީދު ދެއްކުމަށް ހަމަޖެހިފައިވަނީ ކަށީގެ ޑޮކްޓަރަކަށް ކަމަށެވެ.

ރައީސް ނަޝީދުގެ މިއަދު މާލެ ގެނައި އިރު އެމަނިކުފާނަށް ރާއްޖޭ ބޭރުގައި ފަރުވާ ދިނުމަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަށް އެމަނިކުފާނު ވަނީ އެދި ވަޑައިގެންފަ އެވެ. އަދި ނަޝީދު މައްސަލައިގެ ހުކުމް އިސްތިއުނާފް ކުރައްވަން ވެސް ވަނީ ނިންމަވާފަ އެވެ.

ނަޝީދުގެ ވަކީލުން އިއްޔެ ބޭއްވި ޕްރެސްގައި ވަކީލް ހިސާން ހުސެން ވިދާޅުވީ، ނަޝީދަކީ ގޮތް ދޫކުރައްވާނެ ބޭފުޅެއް ކަމަށާއި ހުކުމް އިސްތިއުނާފު ކުރަން ނިންމެވީ އެމަނިކުފާނު ޖަލުގައި ހުރުމުގެ ސަބަބުން ބޭރުގެ ފިއްތުންތައް އައިސް ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެއީ ނަޝިދު އެދޭ ގޮތް ކަމަށް ނުވާތީ އެވެ. އަދި ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނަޝީދު މީގެ ކުރިން ދެކޮޅު ހެއްދެވީ ހިސާން ވިދާޅުވި ގޮތުގައި ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރުން ހައިކޯޓްގެ ބެންޗްގައި ތިއްބެވުމާއި، އެ މައްސަލަޔާ ގުޅޭ ބައެއް ނިންމުންތައް އެ ކޯޓުން ކުރިން ނިންމާފައި ވާތީ އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެއްވިގެންނެވެ.

ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުު އިސްތިއުނާފު ނުކުރައްވާނެ ކަމަށް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލި އެވެ. އަދި އެއާ އެކު ޕީޖީ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެކޯޓުން ވަނީ ހުއްދަ ދީފަ އެވެ.