އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ވަގުތީ ގޮތުން އިއްޒުއްދީނަށް، ހުޅުމާލޭގައި އައު ސުކޫލެއް

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީގެ ނިންމުން ހާމަކޮށް ދެންމެ ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ސްކްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަންވެސް ވަނީ ނިންމާފައެވެ. އެޑިއުކޭޝަންގެ ބަޔާނުގައި ބުނީ އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށެވެ.

އިއްޒުއްދީން ސުކޫލަށް ބަދަލުވާން އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅެވެ. ބެލެނިވެރިން ބުނީ އިއްޒުއްދީނަކީ މިހާރުވެސް 200 ކުދިން ކިޔަވާމުންދާ ސްކޫލެއް ކަމަށާ އިންގްލިޝް މީޑިއަމް ސްކޫލެއް ހިންގަމުން ދަނިކޮށް އަރަބި މީޑިއަމް ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުން ވަދެ ދަރިވަރުންނަށް ކިޔަވައިދޭން އުޅުމަކީ ކުކުޅު ކޮށްޓެއްގެ ތެރެއަށް ދަނޑި ބޭނުން ކަހަލަ ކަމެއް ކަމަށެވެ.

އަދި އަރަބިއްޔާގައި ދުވާލަކު 46 ކްލާސްރޫމްގައި ކިޔަވައިދެމުންދާ ބަޔަކު އިއްޒުއްދީންގެ 20 ކްލާސް ރޫމަށް ފިޓްކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެ ހާލަތުގައި ދެ ސުކޫލުގެ މެނޭޖްމަންޓާއި ސްޓާފުން ވަންނާނީ ކޮންތާކަށްތޯވެސް ބެލެނިވެރިން ސުވާލު އުފައްދައެވެ.

"އިއްޒުއްދީނަށް ގޮސް ވަނުމަކީ އެތަނުގަ މިހާރު އޮތް މެނޭޖްމަންޓާއި ސްޓާފުންނާއި ގިނަ މައްސަލަތަކެއް ފެންމަތިވާނޭ ކަމެއް،" އަރަބިއްޔާގެ ބެލެނިވެރިން ބުނެއެވެ.