ދީން

ހިތާމަތަކުގެ ފަރުވާ

ދުނިޔެއަކީ އިމްތިޙާނުތަކުގެ ގޮވައްޗެވެ. ދުނިޔޭގެ ތަބީޢަތަކީ، ހިތާމަތަކާއި، ކަންބޮޑުވުންތަކައި، ބުރަ އުފުލަންޖެހުމާއި، ބަލިމަޑުކަމާއި، މުޞީބާތްތައް ލައްވާފައިވުމެވެ. ދުނިޔެއާއި، އާޚިރަތުގައި މުއުމިނުންނަށްޓަކައި ލައްވާފައިވާ ސުވަރުގޭގެ ތަފާތަކީވެސް އެއީ އެވެ. އެތަނަކީ އެއްވެސް ހިތާމައެއް، ކަންބޮޑުވުމެއް، ދަތިކަމެއް، ބުރައެއް ލައްވާފައިނުވާ، ނިޢްމަތުގެ ގޮވައްޗެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

﴿ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِنْهَا بِمُخْرَجِينَ ﴾ (الحجر 48) މާނައި: "އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެ އެވެ."

އެތަނުގެ އަހުލުވެރިންނަށް އެއްވެސް ހިތާމައެއް ނުވެ އެވެ. ﴿ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا * إِلَّا قِيلًا سَلَامًا سَلَامًا ﴾ (الواقعة: 25، 26) މާނައި: "ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.* އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުއްޓޭ، ސަލާމް ހުއްޓޭ، ބުނެވޭ އަޑެވެ."

މިއާ ޚިލާފަށް ދުނިޔޭގެ ދިރިއުޅުމަކީ ތަފާތު އެކި ޙާލަތްތަކުގައި އެކިކަހަލަ ނުތަނަވަސްކަމާއި ބުރަ އުފުލަންޖެހޭ ތަނެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ ﴾ (البلد: 4) މާނައި: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ."

އެއިންސާނާއަކީ މާޒީވެދިޔަ ކަންކަމާމެދު ހިތާމަކުރާ، މުސްތަޤުބަލުގައި ކުރިމަތިވެދާނޭ ކަންކަމާމެދު ކަންބޮޑުވާ، އޭނާއަށް ކުރިމަތިވެފައިވާ ޙާލަތާ މެދު ނުތަނަވަސްކަން އިޙްސާސްކުރާ މީހެކެވެ.
އިންސާނާއަށް ކުރިމަތިވާ ހިތާމަތަކާއި، ކަންބޮޑުވުންތަކާއި، ނުތަނަވަސްކަމަށް މާތް ﷲ ވަނީ ފަރުވާ ލައްވާފަ އެވެ. އަދި މުއިމިނުތަކުން އެފަރުވާ ލިބިގަތުމަށް ދީނުގައި ބާރުއަޅުއްވަ އެވެ. ހިތާމައާއި ކަންބޮޑުވުންތަކުގެ އެންމެ މުހިއްމު ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަކޮށްލަންޖެ އެވެ.

އީމާންކަން ވަރުގަދަކުރުން

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ ﴾ [النحل: 97] މާނައީ: "مؤمنއަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عملއެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "މުއުމިނެއްގެ ކަންތައްތަކަކީ ޙައިރާންވުން ޙައްޤު ކަންތައްތަކެކެވެ. އޭނާގެ ކޮންމެ ކަމަކީ، އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ. އަދި މިކަމަކީ، މުއުމިނަކު ފިޔަވައި އެހެން އެއްވެސް މީހަކަށް ލިބިގެންވާ ކަމެއް ނޫނެވެ. އޭނާއަށް އުފާވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެކަމަށްޓަކައި އޭނާ ﷲއަށް ޝުކުރުކުރެއެވެ. ފަހެ، އެއީ، އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ. އަދި އޭނާއަށް ހިތްދަތިކަމެއް، ހިތާމައެއް ކުރިމަތި ވެއްޖެނަމަ، އެކަމަށްޓަކައި އޭނާ ކެތްތެރިވެއެވެ. ފަހެ، އެއީ، އޭނާއަށްޓަކައިވާ ހެޔޮކަމެކެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމްއެވެ.)

މުޞީބާތްތަކަކީ ފާފަތަކުގެ ކައްފާރާއެއް

ކުރިންވެސް ދެންނެވިފަދައިން ދުނިޔެއަކީ އިމްތިޙާނު ކުރެއްވުމާއި ބުރަ އުފުއްލަޖެހޭ ތަނެކެވެ. ދުނިޔޭގައި ކުރިމަތިވާ ހިތާމަތަކާއި، ކަންބޮޑުވުންތަކާއި، ނުތަނަވަސްކަމާއި ކެކުޅުންތަކަކީ ފާފަ ފުއްސަވައިދެއްވާ ކަމެއްކަމުގައި ނޫނީ ނުވެ އެވެ. ކުރިމަތިވާ ކަންކަމުގައި ކެތްތެރިވުމަކީ ރަޙްމަތް އިތުރުކޮށްދެއްވާ ކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެ އެވެ. «مَا يُصِيبُ المُسْلِمَ مِنْ نَصَبٍ، وَلاَ وَصَبٍ، وَلاَ هَمٍّ، وَلاَ حَزَنٍ، وَلاَ أذًى، وَلاَ غَمٍّ، حَتَّى الشَّوكَةُ يُشَاكُهَا إلاَّ كَفَّرَ اللهُ بِهَا مِنْ خَطَاياهُ». مُتَّفَقٌ عَلَيهِ މާނައީ: "މުސްލިމަކަށް ކުރިމަތިވާ ވަރުބަލިކަމެއް، ތަދެއް، ހިތާމައެއް، ދަތި އުނދަގުލެއް، ގިލަންވެރިކަމެއް، (އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ)، އަދި އެންމެ ކުޑަމިނުން، ގަޔަށް ކަށްޓެއް ހެރުމުން (އެކަމަށް ކެތްތެރިވިނަމަ) އޭގެ ސަބަބުން، މާތް ﷲ އެ މީހެއްގެ ކުށްފާފަތައް ފުއްސަވައިދެއްވާނެތެވެ."

ދުނިޔޭގެ ޙަޤީޤަތް ދެނެގަތުން

ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ނެތިފަނާވެގެންދާނެތެވެ. ދުނިޔޭގެ ހިތާމަތަކާއި ކެކުޅުންތަކަކީ އަބަދަށް ދެމިގެންދާނޭ ކަމެއް ނޫނެވެ. ހަމައެފަދައިން އުފާތަކާއި ފާގަތިކަމާއި ތަނަވަސްކަމަކީވެސް އަބަދަށް ދެމި އޮންނާނޭ ކަންކަމެއް ނޫނެވެ. އަބަދަށް ދެމިގެންވާ ނިޢްމަތްތަކަކީ ސުވަރުގޭގެ ނިޢުމަތްތަކެވެ.
ޖަނާޒާއެއް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކުރިފުޅުމަތިން ގެންދެވުނުހިނދު ޙަދީޘް ކުރެއްވިއެވެ.

"‏مُسْتَرِيحٌ وَمُسْتَرَاحٌ مِنْهُ ‏" މާނައީ: "އަރާމު ލިބިގެންވާ މީހެކެވެ. ނުވަތަ އޭނާގެ ކިބައިން އެހެން މީހުންނަށް އަރާމު ލިބިފައިވާ މީހެކެވެ." ދެންނެވުނެވެ. ‏

"مَا الْمُسْتَرِيحُ وَمَا الْمُسْتَرَاحُ مِنْهُ" މާނައި: ""އަރާމު ލިބިގެންވާ މީހަކީ ކޮބައިތޯއެވެ؟ އަދި އޭނާގެ ކިބައިން އެހެން މީހުންނަށް އަރާމު ލިބިފައިވާ މީހަކީ ކޮބައިތޯ އެވެ؟" ޙަދީޘް ކުރެއްވިއެވެ. "މުއުމިނު އަޅަކު ދުނިޔެ ދޫކުރާހިނދު، އޭނާއަށް ދުނިޔޭގެ އުނދަގޫތަކާއި ބުރަތަކުން އަރާމު ލިބެ އެވެ. އަދި ފާޖިރު ނުބައި އަޅަކު ދުނިޔެ ދޫކުރުމުން، އެހެނިހެން އަޅުތަކުންނާއި، ގަސްގަހާގެއްސާއި ޖަނަވަރާރުތައް އޭނާގެ ތުރާތަކުން ސަލާމަތްވެ އެތަކެއްޗަށް އަރާމެއް ލިބެ އެވެ." (ރިވާކުރެއްވީ އަލްއިމާމުއްނަސާއީއެވެ.)

ރަސޫލުންނާއި ނަބިއްޔުންގެ ސީރަތުން ޢިބްރަތް ޙާޞިލްކުރުން

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ މީސްތަކުންގެ އިމާމުންނެވެ. އަދި ތަބާވާންވީ ނަމޫނާ އެވެ. އެބޭކަލުންނަކީ ދުނިޔޭގައި އެންމެ ބޮޑެތި މުޞީބާތްތަކާއި އިމްތިޙާނުތަކާ ކުރިމަތިވެވަޑައިގެންނެވި ބޭކަލުންނެވެ. ކޮންމެ މީހަކަށްމެ އިމްތިޙާނުތަކާ ކުރިމަތިލާންޖެހެނީ އެމީހެއްގެ ދީންވެރިކަމުގެ މިންވަރަށެވެ. އަދި ﷲ އެ އިލާހުގެ އަޅަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އޭނާ އިމްތިޙާނުކުރައްވަ އެވެ.

ނަބީބޭކަލުންގެ ތެރެއިން މުޞީބާތްތަކާއި، އިމްތިޙާނުތަކާ ކުރިމަތި ލައްވަންޖެހިވަޑައި ނުގަންނަވާ އެއްވެސް ބޭކަލަކު ނުވެ އެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ހުންނެވި އެވެ. ނަމަވެސް އެކަލޭގެފާނަށް އީމާންވީ މަދު މީހެކެވެ.

ނަމާދުން ހިތާމަތައް ފިއްލަވައިދެއްވާ

ނަމާދަކީ އިސްލާމް ދީނުގެ އެންމެ މުހިންމު ރުކުނެވެ. ނަމާދު އަޅައިފި މީހާ އަކީ ކާފިރެއް ނުވަތަ މުޝްރިކެއް ކަމުގައި ޙަދީޘްތަކުގައި ބަޔާންކުރައްވާފައިވެ އެވެ. ހަމައެފަދައިން، ނަމާދަކީ ހިތް ހަމަޖައްސައިދޭ ވަޞީލަތެކެވެ. މާތް ﷲ ޒިކުރު ކުރުމަށް ކުރެވޭ އެންމެ ހެޔޮ ޢަމަލެވެ. ހިތްތަކުގެ ހަމަޖެހުންވަނީ މާތް ﷲ ހަނދުމަކުރުމުގަ އެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ ﴾ [البقرة 45] މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑު ކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)"

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ލޯފުޅުގެ ފިނިކަމަކީ ނަމާދު ކަމުގައި ވަނީ ޙަދީޘް ކުރައްވާފަ އެވެ. ހަމައެފަދައިން، ކަންބޮޑުވެވަޑައިގެންފިނަމަ އިތުރު އެކަލޭގެފާނު ނަމާދުކުރުމަށް އަވަސްވެވަޑައިގަންނަވާ ކަމުގައި ރިވާވެގެންވެ އެވެ.

މާތް ﷲ އަށް ފުރިހަމައަށް ތަވައްކަލު ކުރުން

ހުރިހާ ކަމެއްގައިމެ ތިމާގެ ވެރި ރައްބަށް ބަރޯސާވެ، ފުރިހަމައަށް އެއިލާހަށް ތަވައްކަލު ކުރުމަކީ ހިތާމަތަކާއި ކަންބޮޑުވުން ފިލައިދާ ކަމެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ﴾ (الطلاق: 3) މާނައީ: "އަދި اللَّه އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެ އެވެ."

އެއްމެ އިސްކަންދެނީ އާޚިރަތަށް ކަމުގައި ހެދުން

ދުނިޔެއަށް އިސްކަންދޭ މީހަކަށް، ދުނިޔޭގެ މުދާވެރިކަމާއި ތަނަވަސްކަމާއި ހަމަޖެހުން ހޯދުމަށް ރެޔާ ދުވާލު މަސައްކަތްކުރާ އިރުވެސް، ހިތްހަމަ ޖެހުން ލިބޭގޮތެއް ނުވެ އެވެ. އެފަދަ މީހަކީ ކިތަންމެ މުއްސަނދި މަހުޖަނެއް ކަމުގައިވިޔަސް، އޭނާއަށް އަރާމެއް ރާހަތެއް ނެތެވެ. އެއާ ޚިލާފަށް އެމީހަކު އެންމެ އިސްކަމެއް ދެނީ އާޚިރަތް ބާޖަވެރި ކުރުމަށް ކަމުގައިވަނީނަމަ، އޭނާއަށް ފުދުންތެރިކަން ދެއްވަ އެވެ. އަދި ދުނިޔޭގެ މަދު އެތިކޮޅަކުން އޭނާއަށް ފުދެ އެވެ. އެފަދަ މީހަކީ، ކިތަންމެ ނިކަމެތި ފަޤީރަކު ކަމުގައިވިޔަސް، އަރާމާ ހަމަޖެހުން އޭނާއަށް ވަނީ ލިބިފަ އެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. «مَنْ كَانَتِ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ، وَمَنْ كَانَتِ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ، وَفَرَّقَ عَلَيْهِ شَمْلَهُ، وَلَمْ يَأْتِهِ مِنَ الدُّنْيَا إِلَّا مَا قُدِّرَ لَهُ» (رواه الترمذي) މާނައީ: "އެމީހަކު އެންމެ އިސްކަންދެނީ އާޚިރަތަށް ކަމުގައިވާނަމަ، މާތް ﷲ އޭނާގެ ހިތުގައި ފުދުންތެރިކަން ލައްވަތެވެ. އަދި އޭނާގެ ކަންތައްތައް އޭނާއަށްޓަކައި ހަމަޖައްސަވައިދެއްވަ އެވެ. އަދި އެ ދުނިޔެ އެދުނަސް ނުއެދުނަށް، ދުނިޔޭގެ ފުދުންތެރިކަން އޭނާއަށް ދެއްވައެވެ. އަދި ދަންނަ އެވެ! އެމީހަކު އެންމެ އިސްކަމެއްދެނީ ދުނިޔޭގެ ކަންތައްތަކަށް ކަމުގައިވަނީނަމަ، އޭނާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ފަޤީރުކަން ލައްވަ އެވެ. އަދި އޭނާގެ ކަންކަން ބައިބައިކުރައްވައި ހަމަޖެހުން ނެތިކުރައްވަ އެވެ. އަދި ދުނިޔެއިން އޭނާއަށް މިންވަރުކުރައްވާފައިވާ އެއްޗެއް މެނުވީ އޭނާ އަށް ނުލިބޭ ނެތެވެ."

މިދެންނެވި ކަންތައްތައް ނޫނަސް ހިތާމަތަކާއި ކެކުޅުންތައް ފިލުވައިލުމަށް ދީނުގައި އެތައް ކަމެއް ކަނޑައަޅުއްވާފައިވެ އެވެ. ވީމާ، ތިމާއަށް ކުރިމަތިވާ ކަންބޮޑުވުންތަކުގައި، މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލުތަކަށް ތަބާވެ، މާތް ﷲ ގެ މިންވަރުފުޅަށް އީމާންވުން މުހިންމެވެ.