އިންޑިޔާގެ ޖައިޕޫރުގައި ހިނގި ހާދިސާއެއްގައި އިމާރާތެއްގެ ފަސްވަނަ ބުރިން ފުންމާލި މީހަކު މަރުވެއްޖެ އެވެ.
އެ މީހާ ފުންމާލީ މީހެއްގެ އަންބެއް ގޮވައިގެން ދިރިއުޅެނިކޮށް އޭނާގެ ފިރިމީހާ ކުއްލިއަކަށް އެމީހުން ދިރިއުޅޭ ތަން ހޯދައިގެން އެ ގެއަށް އައުމުން ފިލަން ވެގެންނެވެ.
އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުގައި މަރުވީ މުހްސިން ނަމަކަށް ކިޔާ 29 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އުއްތަރު ޕްރަދޭޝްގެ މީހެކެވެ.
ކައިވެނިކޮށްގެން ދަރިއަކު ލިބިފައިވާ މި އަންހެން މީހާ އާއި މުހްސިން ލޯބީގެ ގޮތުން ގުޅުނީ މީގެ ދެ ތިން އަހަރު ކުރިންނެވެ. އޭރު މި ދެމަފިރިންނާއި ފިރިހެން މީހާ ވެސް ދިރިއުޅެމުން ދިޔައީ ނައިނީތާލް ކިޔާ ރަށެއްގަ އެވެ.
ދެ މީހުން ލޯބިގެ ގޮތުން ގުޅުމަށްފަހު މީގެ ދެ އަހަރު ކުރިން އަންހެން މީހާ ވަނީ ފިރިމީހާ އަށް ފިލައިގެން ލޯބިވެރިޔާއާ އެކު ޖައިޕޫރަށް ގޮއްސަ އެވެ. އަދި އެ ރަށުގެ އެކި ތަންތަނުގައި ދިރިއުޅެމުން ގޮސް ބިލްޑިންގެއްގެ ފަސްވަނަ ބުރިން ފްލެޓެއް ކުއްޔަށް ހިފައިގެން ދެމަފިރިންގެ ނަމުގައި އެތަނުގައި ދިރިއުޅެން ފަށާފައިވަނީ ދާދި ފަހުންނެވެ.
ފާއިތުވީ ދެ އަހަރުއްސުރެ އަންހެން މީހާ ވީ ތަނެއް ނޭނގިގެން އޭނާގެ ފިރިމީހާ އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެގޮތުން ޖައިޕޫރުގައި އަންހެން މީހާ ދިރިއުޅޭކަން އެނގިގެން އެ ރަށަށް އައިސް މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ މުހްސިންއާ އެކު އަންހެން މީހާ އުޅޭތަން ހޯދައިގެން އެ ގެޔަށް ގޮއްސަ އެވެ.
ފިރިހެން މީހާ އެގެއަށް ވަނުމުން އެމީހާ އަށް ފިލަން ވެގެން މުހްސިން ދުވެފައި ގޮސް ފަސްވަނަ ބުރީގެ ބެލްކަނިން ފުންމާލީ ކަމަށްވެ އެވެ.
މުހްސިން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ އެވެ. ނަމަވެސް ފަރުވާ ދެނިކޮށް ހޯމަ ދުވަހު މުހްސިން ވަނީ މަރުވެފަ އެވެ.
މިހާރު އިންޑިއާ ފުލުހުން އުޅެނީ އަންހެންމީހާ ވެސް އަދި އޭނާގެ ފިރިމީހާ ވެސް ވީތަނެއް ނޭނގިގެންނެވެ.
ޕޯސްޓްމޯޓަމަށް ފަހު މުހްސިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.