ލައިފްސްޓައިލް

މަންމަައަށް އާ ހަޔާތެއް ފެށުނީތީ ދަރިފުޅު އުފާވެއްޖެ

ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމަކީ މިހާރު ވަރަށް ގިނަ ޒުވާން ޖޯޑުތައް ކުރާ ކަމެކެވެ. ނަމަވެސް މަންމަގެ ދެވަނަ ކައިވެނީގެ ފޮޓޯތައް ދަރިއަކު ޝެއާ ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޓުވިޓާގައި ޒުވާނަކު ވަނީ އޭނާގެ މަންމަގެ ދެވަނަ ކައިވެނީގެ ފޮޓޯތައް ޝެއާކޮށް މަންމަގެ ކައިވެނީގެ މުނާސަބާ ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާއިން މި ޚަބަރާއި ފޮޓޯތައް ބެލި މީހުންގެ ހިތަށް އެންމެ ބޮޑަށް އަސަރު ކުރީ އެ އަންހެން މީހާގެ ދަރިފުޅު ކިޔައިދީފައިވާ ވާހަކަ އިންނެވެ.

އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ 35 އަހަރުގެ މަންމަ "ވިހަ" ކައިވެންޏެއްގައި ދިރިއުޅޭތާ 15 އަހަރު ވެއްޖެ އެވެ. ދެ އަންހެނަކު އޭނާގެ މަންމަގެ އަތުގައި ހީނާފަތް އަޅައިދެނިކޮށް ނަގާފައިވާ ފޮޓޯއެއް ޝެއާ ކުރަމުން އަންހެން މީހާގެ ދަރިފުޅު ބުނެފައިވެ އެވެ.

"މަންމަ ދެވަނަ ކައިވެންޏެއް ކުރާކަށް އަހަންނާއި އަހަރެންގެ 16 އަހަރުގެ ބޭބެ ކުރިން ގަބޫލެއް ނޫން. ނަމަވެސް މިހާރު އަހަރެމެންގެ ވިސްނުން ބަދަލުވެއްޖެ،" އަންހެން ކުއްޖާ ލިޔެފައި ވެއެވެ.

އެ ކުދިންގެ ހަޔާތަށް ބައްޕައެއް ފަދަ މީހަކު އައުމަށް މިހާރު އެ ކުދިން ބޭނުންވާ ކަމަށާއި "އާ ބައްޕަ"އަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށް އަންހެން ކުއްޖާ ކުރި ސިލްސިލާ ޓުވީޓްތަކެއްގައި ލިޔެފައިވެ އެވެ.

މި ވާހަކައަށް ކޮމެންޓުކުރި ގިނަ މީހުން ބުނީ ފިރިމީހާ މަރުވުމުންނާއި ވަރިކުރުމުން ދެވަނަ ފަހަރަށް ކައިވެނި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ. އަދި މި ކުދިންގެ ފަރާތުން އެކުދިންގެ މަންމައަށް ދައްކާފައިވާ ނަމޫނާ އަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.