( 11 ޑިސެމްބަރ 2021އާ ގުޅޭ)
ޖައިޝް އޭނާގެ ކަނާއަތުން ސަހުލާ ކޮށްޕައިލީ ނިކަން ބާރަށެވެ. ދިޔަ ބާރު މިނުގައި ސަހުލާ ނިތް ޖެހުނީ ފާރުގައެވެ. އަވަސް ހިނގުމެއްގައި ޖައިޝް ހިނގާފައި ގޮސް ހިފައިލީ ސަހުލާގެ އިސްތަށިގަނޑުގައެވެ.
"ގޮތްކުޑަ! ކަލޭ މަށަށް އޮޅުވާލީތަ؟ އޭނ؟" ޖައިޝް އިތުރަށް ބާރަށް ސަހުލާގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލިއެވެ. އަނގައިން ބަހެއް ބުނަން ނުކެރިފައި ސަހުލާ ހުރީ ރޯލަރޯލައެވެ.
"ބުނެބަލަ! ކަލޭ ހީކުރީ ތަ މަގޭ ރުހުން، މަގޭ ލޯބި ކަލެއަށް ލިބޭނެ ކަމަށް؟ ތިހެން މަކަރުން މަގޭ ޙަޔާތަށް އައީމަ؟ ބުނެބަލަ! ވާހަކަދައްކަބަލަ!" ޖައިޝްގެ އަޑު ދިޔައީ ބާރު ވަމުންނެވެ.
"ނޫން.." ސަހުލާގެ އަނގައިން ނުކުތީ އެވަރަށެވެ. ޖައިޝްގެ ކަނާ އަތުގެ ހޫނުކަން ވަގުތުން އެރީ ސަހުލާގެ މޫނަށެވެ.
"އަދިވެސް ދޮގު އެބަ ހަދައޭ!" ޖައިޝް ރުޅި އައިސްގެން ރޫރޫ އަޅަމުން ދަނީއެވެ. އިތުރަށް އެއްްޗެއް ނުބުނެ ސަހުލާއަށް ބަލަހައްޓައިގެން ޖައިޝް ވަގުތުކޮޅަކު މަޑު ކޮށްލިއެވެ.
ޖައިޝްގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ރުޅިވެރިކަމެވެ. ހަމައިގަ ނުހުރުމާ އެކު، އޭނާގެ ސިކުނޑިން ކެކެމުން ދިޔައީ ބަޔާން ކުރަން ދަތި ރުޅިއެކެވެ. ސަހުލާ މަޑުމަޑުން އޭނާގެ އަތް ނަގައި، ނިތް ކުރީގައި ޖައްސައިލިއެވެ. އަދި އެޔަށްފަހު އަތްތިލަ އަށް ބަލައިލިއެވެ. މުޅި އަތުގައި ހުސް ލެޔެވެ. "ޖައިޝް.." ސަހުލާގެ ދުލުން ޖައިޝްގެ ނަން ބޭރުކޮށްލުމާ އެކު "ޝޫޝް!" ކިޔާފައި ޖައިޝް އޭނާގެ އިނގިއްޔެއް ޖައްސައިލީ ސަހުލާގެ އަނގަމަތީގައެވެ.
"ކަލޭ ދައްކާ ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން. އާނ! މިވަރުން ފުދިއްޖެ.... ކަލޭ.. ކަލޭ ތި ހުރީ ވަރިކޮށްފަ.. އަޑު އިވެއްޖެތަ؟ " ދަތްކުނޑި ވިކައިގެން ހުރެ ޖައިޝް އެހެން ބުނެ، ސަހުލާގެ ކަރުގައި ހިފައި ފިއްތާލުމަށްފަހު، ހޫރައިލީ ކޮޓަރީގެ ފާރުގެ ކަނަކަށެވެ. އެޔަށްފަހު ހަރުކޮށް ހިނގާފައި ޖައިޝް ގެއިން ނުކުތީ ގުންފައި ޖަހަމުންނެވެ.
ސަހުލާގެ މުޅި ގަޔަށް ދިޔައީ ވޭން އަޅަމުންނެވެ. ވަރަށް ޙާލުން ފޯނު ނަގައިގެން ސަހުލާ ގުޅައިލީ ރިޝްފާއަށެވެ. "ހަލޯ! ރިޝް.." ސަހުލާއަށް ބުނެވުނީ އެވަރަށެވެ. ސަހުލާގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ އޭނާއާ ވެސް އެކުގައެވެ.
ހަވީރުގެ ވަގުތެވެ. ސަހުލާއަށް އޭނާގެ ދެލޯ ހުޅުވާލެވުނު އިރު، އޭނާ އޮތީ ހޮސްޕިޓަލުގައެވެ. ގާތުގައި ރިޝްފާ އިނެވެ. ވަގުތުކޮޅަކަށް ވީނުވީ ނޭނގިފައި އޮވެވުނަސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި ސަހުލާގެ ދެލޯ ކަރުނައިން ފުރައިލިއެވެ. ވެގެން ދިޔަ ގޮތް ހަނދާން ވުމުންނެވެ.
"ދެން ނުރޮއި.. އަހަރެންނަށް އެނގޭ ސަހޫ ތި އުފުލާ ވޭން. ހަމައެކަނި ޖައިޝްގެ ލޯތްބަށްޓަކާ.. ހިތްވަރު ކުރޭ! ނޫނީ ތިކަމުން ދުރު.." ރިޝްފާގެ ވާހަކަ ހުއްޓުވައިލީ ސަހުލާއެވެ.
"ނޫން ރިޝް! ޖައިޝްއާ ދުރުގަ އުޅެން އަހަރެންނަށް ފަސޭހައެއް ނޫން، އެކަމު، އެނޫން ގޮތެއް ވެސް ނެތް ރިޝް.. ޖައިޝް އަހަރެން ދޫކޮށްލައިފި.." ސަހުލާ އެހެން ބުނުމާއެކުގައި ރިޝްފާގެ ދެލޯ ބޮޑުވިއެވެ.
"ތިބުނީ؟ ކިހިނެއް ދޫކޮށްލީ؟" ރިޝްފާ އިނީ ހައިރާން ކަމެއްގެ ތެރޭގައެވެ.
"އާނ ރިޝް. ޖައިޝް އަހަރެން ވަރިކޮށްފި. އަހަރެން ދޫކޮށްލައިފި... އަހަރެން އެކަން ސިއްރު ކުރީމަ. އަހަރެން.." ސަހުލާ ރޮމުން ވާހަކަދެއްކި އިރު، އޭނާގެ އަތް އޮތީ ރިޝްފާގެ އަތުގެ ތެރޭގައެވެ.
"އަޅޭ! އަސްލުތަ؟ ވަރިކޮށްލީ ހަމަ؟ ކައިވެންޏަށް އަދި މި އުޅެނީ 1 ދުވަސް ރަނގަޅަށް ނުވެ. މިހާ އަވަހަށް ވަރި.. ޕިސްޕިސް.." ސަހުލާ ދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވެފައި ރިޝްފާއަށް އިނދެވުނެވެ.
ދެމީހުން ވެސް އެއްވެސް އެއްޗެއް ނުބުނެ ވަގުތުކޮޅަކު ތިއްބެވެ. ސަހުލާގެ ބޮލުގައި ހިނގަމުން ދިޔައީ ކަންތައް ވެގެން ދިޔަ ގޮތެވެ. ޖައިޝް ދެކެ ވާ ޙަޤީޤީ ލޯތްބެވެ. ރިޝްފާ އިނީ ލިބުނު ޚަބަރުން ފާޑަކަށް ގަނބު ވެފައެވެ. މުޅި ތަނަށް ވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ޑޮކްޓަރު ވަނުމާ އެކުގައެވެ.
"ރިޕޯޓުތަކުގެ ނަތީޖާ ލިބެން ވަގުތު ކޮޅެއް ނަގާނެ. މިކޮޅު ސިސްޓަމް ތަކުގަ މައްސަލައެއް އުޅޭތީ ލަސް ވަނީ.. ޔޫ ޓޯލްޑް މިސްކަރޭޖު ވީ އޭ ދޯ؟" ޑޮކްޓަރު ހުއްޓިގެން ހުރީ ސަހުލާ އޮތް އެނދާ ދިމާލުގައެވެ. ރިޝްފާ އާއި ސަހުލާ އާނއެކޭ ބުނުމުގެ ގޮތުން އެއް ފަހަރާ ބޯޖަހައިލިއެވެ.
"ކީއްވެ ޑޮކްޓަރަށް ނުދެއްކީ؟ އެކަހަލަ ކަންތައް ވީމަ ވާނެ ޑޮކްޓަރަށް ދައްކަން އިނގޭ.. ރިޕޯޓުތަކުގެ ނަތީޖާ ލިބުނީމަ ފައިނަލް އެއްޗެއް ބުނަން އަޅުގަނޑަށް އެނގޭނީ.." ޑޮކްޓަރު ހީނލާފައި އެތަނުން ނުކުމެގެން ދިޔައެވެ.
"ޕިސްޕިސް.." އަނެއްކާ ވެސް ރިޝްފާ ޕިސްޕިސް ލައްވާލިއެވެ.
"ހާދަ އަނިޔާވެރިއޭ ދޯ؟ ދެން ވެސް ސަހުލާ ހަމަ އޭނައާ އެކުގަ އުޅޭ ހިތުންތަ ތިއުޅެނީ؟ އެކަމު ދޯ؟" ރިޝްފާ ހިފައިލީ ސަހުލާގެ އަތުގައެވެ.
"އާނ! އަސްލު މީގަ ކުށްވެރި ވާނީ އަހަރެން. އަހަރެން އަސްލު ޖައިޝްއަށް އޮޅުވާލީ.." ސަހުލާ ދިފާޢު ކޮށްލީ ޖައިޝްއެވެ.
"ވަޓް؟" ރިޝްފާއަށް އެހެން ބުނެވުނީ ބޭއިޚުތިޔާރުގައެވެ.
"އަޅެ މިވަރުކޮށްލީމަ ވެސް، ތި ހުރީ ޖައިޝް ކޮޅަށް. ހޫނ! އަހަރެންނަށް އެނގެއޭ ސަހޫ ލޯބިވާކަށް.. އެކަމު ވެސް ދޯ؟ ޔުއަރ ލައިފް.. ކީކޭ ދެން ބުނާނީ.." ރިޝްފާ ކޮންމެ ވާހަކަ އެއް ދެއްކިޔަސް، ޖައިޝްއާ ގުޅޭ ކަމެއްގައި ސަހުލާ ނިންމާނީ އޭނާގެ އަމިއްލަ ނިންމުންކަން ރިޝްފާއަށް އެނގެއެވެ. އެހެންކަމުން، އެވާހަކަ ދެއްކުން ރިޝްފާ އެ ވަގުތަށް ހުއްޓައިލީއެވެ.
މަޣުރިބު ނަމާދުކޮށްލައިގެން، ހަފްސާ އިނީ ދުޢާ ކުރާށެވެ. ސަހުލާއަށް ވީގޮތުގެ އެއްވެސް މައުލޫމާތެއް ސަހުލާގެ ޢާއިލާއަށް ނުލިބެއެވެ. އެކަން ސިއްރު ކުރަން އެންމެ ބޭނުން ވީ ވެސް، ހަމަ ސަހުލާއެވެ. ހޮސްޕިޓަލްގައި އޮތް އިރުވެސް، އެއްވެސް މީހެއްގެ ފަރާތުން ސަހުލާ ހޮސްޕިޓަލްގައި އޮތް ޚަބަރު ޢާއިލާއަށް ލިބި ދާނެތީ ސަހުލާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ހިތް ތެޅިލަ ތެޅިލައެވެ. ސަހުލާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ވެސް ސިޑިން ވެއްޓިގެން ކަމަށް ބުނެގެންނެވެ. އެއީ ރިޝްފާ ބުނެލި ސަބަބެކެވެ. ސަހުލާ ވެސް ބުނަން ބޭނުން ވަނީ އެކަހަލަ ސަބަބެއްކަން ރިޝްފާއަށް ޔަޤީންވާތީއެވެ.
"އަހަރެންގެ ދަރި އުޅޭނީ އުފަލުގަ ބާ؟" ހަފްސާ މުސައްލަ ނަގަމުން ބަލައިލީ ގާދިރަށެވެ. ހަފްސާގެ މުޅި ޚިޔާލާއި ފިކުރުގައި ވަނީ ސަހުލާއެވެ. ސަހުލާގެ ހަނދާންތަކެވެ.
"ދުޢާ ކުރުން އޮތީ.. ހިޝާމް ބުނިހެން، އިރާދަކުރެއްވިއްޔާ ގޯސް ގޮތެއް ނުވާނެ. ދިރިއުޅުމަކީ އިމްތިޙާނެއް." ގާދިރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
ގަޑިން ރޭގަނޑު 9 ޖަހާ ބޮޑުވެއްޖެއެވެ. ޖައިޝް އޮތީ ޔުއާދުގެ ގޭގައެވެ. ޖައިޝްގެ ރުޅިގަނޑު މިހާރު ވަނީ މުޅިން ހަމައަކަށް އެޅިފައެވެ.
"ތީތި ސަޅިއެއް ނޫން ކަން ނޭނގެ ބްރޯ! މިހާ އަވަހަށް ވަރި ވީމަ. އަނެއްކާ ކައެ ވަރަށް ލޯބިވާ މަންޖެގަނޑެއްނު އެއީ.." ޔުއާދު އާއި ޖައިޝް އިނީ އެނދުގައި ޖައްސާލައިގެންނެވެ.
"ނޭނގެ ބްރޯ! އެގަޑީ އައީ ވަރަށް ނުލަފާ ރުޅިއެއް. އައި ރުޅީގަ ވަރިކޮށްލެވުނީ.. ދެން ނުކެރޭނެ މިރޭ އެގެއަށް ދާން ވެސް. މާދަން ހެނދުނު ދާނީ.. މި ޖައްސާލަނީ ނިދާލަން ދެން.. ގްޑް ނައިޓް ބްރޯ.." ޔުއާދުގެ ކޮޓަރީގައި ޖައިޝް ނިދާލަން ޖައްސައިލިއެވެ.
ރިޕޯޓުތައް ހިފައިގެން ޑޮކްޓަރު އައިސް ވޯރޑަށް ވަނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔައީ ކޮންމެ ވެސް ބޮޑު އެތައް ވާހަކަ ތަކެއް ބުނަން ބޭނުން ވެފައި ހުރި ކަހަލަ ގޮތެކެވެ. ސަހުލާ ވެސް އެނދުގައި އޮވެ، ދެލޯ ބޮޑުކޮށްގެން ބަލަން އޮތީ ޑޮކްޓަރުގެ މޫނަށެވެ.
"މިއޮތީ ރިޕޯޓުގެ ނަތީޖާ.. ސަހުލާ ބަނޑު ބޮޑު... މިސްކަރޭޖެއް ނުވޭ!" ޑޮކްޓަރު ރިޕޯޓު ދިއްކޮށްލީ ރިޝްފާގެ އަތަށެވެ. ސަހުލާ އާއި ރިޝްފާއަށް ދެމީހުންގެ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
"ޔަޤީންތަ؟ ޕްރެގްކަން؟" ރިޝްފާ އަހައިލިއެވެ.
"ޔެސް... ޝީ އިޒް ޕްރެގްނެންޓު. މިސްކަރޭޖެއް ވެސް ނުވޭ! ޕްރެގް އިރުގަ ސްޕޮޓިން ނޫނީ ބްލީޑް ވުމަކީ ބައެއް އަންހެނުންނަށް ވާގޮތެއް. އެހެން ވެދާނެ ޖަސްޓު 1 ނައިޓްގަ ވެސް. ލޭ ހުއްޓި ދާނެ އައުން އެޔަށްފަހު، އިޓް ޑިޕެންޑް އޮން އެމީހެއްގެ ފިޒިކަލް ހެލްތް.. އެކަމު ދެން ވެސް އެކަހަލަ ކަމެއް ރިޕީޓު ވަންޏާ، އިޓްސް ބެޓާރ ޓު ކޮންސަލްޓު." ޑޮކްޓަރުގެ ވާހަކަތަކުން ސަހުލާގެ ތުންފަތުން ދުވެލީ ހިނިތުންވުމެކެވެ. ހިތުގެ އަޑިން އަލްޙަމްދުﷲއޭ ވެސް ބުނެވުނެވެ.
"މިސްކަރޭޖް ކަންތައް ތަކަކީ އަމިއްލައަށް ޑިސައިޑް ކުރާ ކަމަކަށް ނުހަދާ، އަބަދުވެސް ޑޮކްޓަރަށް ދައްކަން ވާނެ އިނގޭ. ދެން މި ދުވަސްކޮޅުގަ ވަރަށް ބަލައިގެން އުޅޭތި. އޯކޭ ގެޔަށް ދިޔަސް.. އިފް އެނީތިންގ ރޯންގ،ޗމިކޮޅަށް އަންނާތި.." ޑޮކްޓަރު އެހެން ބުނުމަށްފަހުގައި، އެތަނުން ދިޔުމަށް ހިނގައިގަތެވެ. ރިޝްފާ ގޮސް ބައްދައިލީ ސަހުލާގެ ގައިގައެވެ.
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. ސަހުލާ އާއި ރިޝްފާއަށް ވަރަށް ހެނދުނާ ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. ރިޝްފާ ގޮސް ދޮރު ހުޅުވައިލާ، ބޭރު ބަލައިލިއެވެ.
"ޖައިޝް.."
ރިޝްފާ ވަރަށް އަވަހަށް ހެދުން ތިރިއަށް ދަމައިލީ ލައިގެން ހުރި ކުރު ހެދުމުގެ ސަބަބުންނެވެ.
"ސަހޫ އެބަ އުޅޭތަ؟ ގޭގަ ނެތީމަ.." ޖައިޝްގެ އަޑުގައި ވަނީ ހިމޭން ކަމެކެވެ. ވާހަކަ ދެއްކީ ވެސް ވަރަށް މަޑުމަޑުންނެވެ.
ރިޝްފާ ބަލައިލީ ޖައިޝްގެ މޫނަށެވެ. އެޔަށްފަހު ކޮޓަރިއަށް ބަލައިލަމުން، ސަހުލާއަށް ގޮވައިލިއެވެ.
"ޖައިޝް.. ހޯދަން އައިސް.." އެހެން ބުނި ކަމެއް ނޭނގި، އެނދުގައި އޮތް ސަހުލާ ވަރަށް އަވަހަށް ތެދުވެގެން ގޮސް ދޮރު މައްޗަށް ނުކުތެވެ. ރިޝްފާ ކޮޓަރިން ނުކުތީ އެދެމީހުންނަށް ފުރުޞަތު ދެމުންެނެވެ.
"ސަހޫ.." ޖައިޝް މަޑުމަޑުން ކޮޓަރިއަށް ވަނެވެ. ސަހުލާ މިވަގުތު ހުރީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. އެއްވެސް އެއްޗެއް ނުބުނެ ސަހުލާ ހުރީ ޖައިޝްގެ ހަރަކާތަކަށް ބަލާށެވެ.
"އަހަރެން ބޭނުން ސަހޫ.. ސަހޫއާ ނުލާ އެންމެ ހިނދުކޮޅެއް ވެސް އަހަރެންނަށް ނޫޅެވޭނެ. އަހަރެން ބޭނުން ސަހޫ.. އައިމް ސޮރީ އޭ.." ޖައިޝް އެހެން ބުނެލި އިރަށް ސަހުލާގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެެގެން ދިޔައެވެ. އެއީ އުފަލާއި ދެރަ އެކުލެވިގެންވާ ކަރުނަތަކެކެވެ.
"ޖައިޝް"އޭ ބުނެ ސަހުލާ ދުވެފައި ގޮސް ޖައިޝްގެ ގައިގައި އޮޅުލައިގަތެވެ.
"އަހަރެން ވަރަށް ލޯބިވޭ.. އަހަރެންނަށް އެނގޭ އަހަރެންނަށް ވެސް ހެދުނީ މިސްޓޭކެއްކަން. އައިމް ރިއަލީ ސޮރީ ފޯރ ދެޓް. މާފު ކުރާނަން ދޯ؟" ޖައިޝްގެ މޭގައި ބޯއަޅާލައިގެން ހުރެ ސަހުލާ އަހައިލިއެވެ.
"އާނ ސަހޫ.. އަހަރެން ސަހޫ ދެކެ ވަރަށް ލޯބިވޭ، ސަހޫއަށް އަބަދުވެސް އަހަރެންގެ ހިތް ސާފު ވާނެ. އަހަރެން ސަހޫ ބުނި ކޮންމެ ކަމެއް ވެސް ކޮށްފާނަން. ސަހޫ ތީ ހަމައެކަނި އަހަރެންގެ ޙައްގެއް.." ޖައިޝްގެ ވާހަކަތަކުން ސަހުލާއަށް އުފަލުން ހިނިތުން ވެވުނު އިރު، ސަހުލާއަށް އޭނާ ދިން އަނިޔާގެ ރިހުން މަތިން ސަހުލާ ހަނދާން ވެސް ނެތް ކަހަލައެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނަނީ ވެސް އެހެންވެތާއެވެ.
"ސަހޫ.. ހިނގާ ކޯޓަށް. އަހަރެން ބޭނުން ވަނީ ކައިވެނި ރުޖޫޢަ ކުރަން.." ޖައިޝް ހީނލާފައި ބަލައިލީ ސަހުލާއަށެވެ. ސަހުލާ ވަރަަށް އުފަލުން ބޯޖަހައިލީ އާނއެކޭ ބުނަމުންނެވެ. ވީ ހުރިހާ ގޯހެއް މިހާރު ރަނގަޅު ވެ، ލިބުނު އަނިޔާ ލޯބީގެ ފިރުމުން ތަކަށް ބަދަލުވީއެވެ.
"އެބައިން ވަރަށް އުފާވެރި ޚަބަރެއް.." ސަހުލާގެ ކަޅި ހުއްޓިފައި ވަނީ ސީދާ ޖައިޝްގެ ދެލޮލަށެވެ. ޖައިޝް ވަރަށް ޝައުޤާ އެކުގައި ސަހުލާއަށް ބަލައިލިއެވެ. ވާހަކަ އަޑުއަހާށެވެ.
"ހެލޯ! ޑެޑީ.." ސަހުލާ އޭނާގެ އަތް ޖައްސައިލީ އެނާގެ ބަނޑުގައެވެ. (ނުނިމޭ)