ލައިފްސްޓައިލް

ބްރެޒީލްގެ ސިޔާސީ ދެ ވާދަވެރިން ވަރުގަދަ ތެޅުމަކަށް!

ބްރެޒީލްގެ ކުޑަ ކުޑަ ސިޓީއެއްގެ މޭޔަރަކު ސިޔާސީ ވާދަވެރިކަން މުޅިން އާ އުސްމިންތަނަކަށް ގެންގޮއްސި އެވެ. އޭނާ އާއެކު ކައުންސިލްގައި ކުރިން މަސައްކަތް ކުރި މީހަކާއެކު އޮތް ވާދަވެރިކަމުގައި މޭޔަރު ވަނީ އެމީހާއާ އެކު ކޮއްޓެއް ތެރޭގައި ވަރުގަދަ ބޮކްސިން މެޗެއް ބާއްވާފަ އެވެ.


ސިމާއޯ ޕީޒޯޓޯ އަކީ ބްރެޒީލްގެ އެމެޒޮން މުނިސިޕަލްޓީ އޮފް ބޯބާގެ މޭޔަރެވެ. އޭނާއާއެކު ކައުންސިލްގައި ކުރިން މަސައްކަތްކުރި މިރީކޯ ޑި ސިލްވާ އާއި ސިމާއޯގެ މެދުގައި ވަރަށް ވަރުގަދަ ވާދަވެރިކަމެއް އޮވެ އެވެ. މި ވާދަވެރިކަން ރުޅިއަށް ބަދަލުވެ ދެމީހުން ތަޅާފޮޅަން ނިންމީ ސިމާއޯގެ މެނޭޖްމަންޓަށް ކަންކަން ނުކުރެވޭކަމަށް ބުނެ އޭނާއަށް ފާޑުކިޔައި މިރީކޯ ޝެއާ ކުރި ވީޑިއޯ އަކާ ގުޅިގެންނެވެ. މި ވީޑިއޯގައި މިރީކޯ ވަނީ "ރަނގަޅަށް ތަޅާފޮޅާލާނެ"ކަމަށް ބުނެ މޭޔަރެއް އިންޒާރު ދީފަ އެވެ.
އެއާއެކު ޕީޒޯޓޯ، 39، ވަނީ މިރީކޯ އަށް ޗެލެންޖްކޮށް ތަޅާފޮޅަން އަންނަން ދައުވަތު ދީފަ އެވެ.

މިކަން ކުރަން އެމީހުން ގަސްތުކުރީ ވަރަށް ޕްރޮފެޝަނަލް ކޮށެވެ. އެހެންވެ މިކްސް މާޝަލް އާޓްސް ތަޅާފޮޅުމެއް ރެފްރީންނާއި ފޭނުންނާއެކު ބާއްވަން އެ ދެމީހުން އެއްބަސްވި އެވެ.

ތިން ރައުންޑެއް އޮތް މި ތަޅާފޮޅުން އޮތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. މިތަން ބަލަން ގިނަ އަދަދެއްގެ މީހުން އެއްވި އެވެ. އަދި ދެ މީހުންނަށް ވަރަށް ބޮޑަށް ފޭނުން ދިޔައީ ތަރުހީބު ދެމުންނެވެ.

މޭޔަރަށް ހަމަލަ ދީ ވައްޓާލުމުގައި މިރީކޯ ކާމިޔާބު ހޯދިޔަސް ރެފްރީން ނިންމީ މެޗު ކާމިޔާބުވީ ޕީޒޯޓޯ އަށް ކަމަށެވެ.

ޕީޒޯޓޯ ފަހުން ބުނީ މި އިވެންޓަކީ ފަގީރުންނަށް ކާން ދޭން ފަންޑް ހޯދަން ބޭއްވި އިވެންޓެއް ކަމަށާއި ވާދަވެރި އިވެންޓޭއް ނޫން ކަމަށެވެ.

ނަމަވެސް ބްރެޒީލްގެ ސިއްހީ އިދާރާތަކުން ވަނީ މި މެޗާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. ސަބަބަކީ ގިނަ އަދަދެއްގެ ބަޔަކު މާސްކް ނާޅައި މިތަން ބަލަން އެއްވެ އޮތުމުން ކޮވިޑްގެ ނުރައްކާ އިތުރުވުމުގެ ފުރުސަތު އޮތީމަ އެވެ.