ލައިފްސްޓައިލް

11 ދުވަސް ވަންދެން ހީނ އުފާ ކުރުން މަނާ ގައުމެއް އެނގޭތަ؟

މިދިޔަ ހުކުރު ދުވަހުން ފެށިގެން 11 ދުވަސް ވަންދެން ނޯތު ކޮރެއާގެ ރައްޔިތުންނަށް ހުނުން މަނަލެވެ. އަދި ރާ ބުއިމާއި ބާޒާރު ކުރުން ވެސް މި ދުވަސްތަކުގައި މަނަލެވެ. އެގާރަ ދުވަސް ވަންދެން އެ ގައުމުގެ ރައްޔިތުންނަށް ޖެހޭނީ ހަމައެކަނި ހިތާމަކުރާށެވެ. އުފަލުން ކުރާ އެއްވެސް ކަމެއް ކުރުން މަނާކުރީ އެ ގައުމުގެ ކުރީގެ ލީޑަރު ޖިމް ޖޮންގް އިލް އަވަހާރަވީތާ 10 އަހަރު ފުރުމުގެ ހިތާމައިގަ އެވެ.

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައިވަނީ މި 11 ދުވަސް ތެރޭގައި އުފާ ފާޅުވާ ކަހަލަ އެއްވެސް ކަމެއް ނުކުރުމަށެވެ.
ކިމް ޖޮން އިލް ނޯތު ކޮރެއާގެ ވެރިކަން ކުރެއްވީ 1994 އިން 2011 އަށެވެ. އުމުރުން 69 އަހަރުގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން ކިމް އަވަހާރަވީ ޑިސެމްބަރު 17، 2011 ގައެވެ. މިހާރު އެ ގައުމުގެ ރައީސް އަކީ ކިމްގެ ދަރިކަލުން ކިމް ޖޮން އުން އެވެ.

ނޯތު ކޮރެއާގެ ނޫސްތަކުން ބުނި ގޮތުގައި ހިތްހަމަޖެއްސުމާއި އަރާމުކުރުމުގެ އަދި އުފާކުރުމުގެ އެއްވެސް ކަމެއް މި 11 ދުވަސް ތެރޭގައި ކުރުން އެ ގައުމުގެ ރައްޔިތުންނަށް މުޅިން މަނަލެވެ. މި އެންގުމާ ޚިލާފުވާ މީހުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާނެ އެވެ.

"ހިތާމަ ފާޅުކުރާ ދުވަސްތަކުގެ ތެރޭގައި އެއްވެސް މީހަކު ރާ ނުބޯތި. ނުހޭތި. އަދި އަރާމުކޮށް ހިތްހަމަޖައްސަން އެއްވެސް ކަހަލަ ހަރަކާތެއް ނުބާއްވާތި،" ރޭޑިއޯ އިއުލާނެއްގައި ބުނެފައި ވެއެވެ.

ހިތާމަކުރަން ޖެހޭ މުއްދަތުގައި ބާރަށް ރޮއި ހެދުން ވެސް މަނަލެވެ. އާއިލާގެ މީހަކު މި މުއްދަތުގައި މަރުވިޔަސް އެ އާއިލާގެ މީހުން ވެސް ބާރަށް ރޮއިގެން ނުވާނެ އެވެ. އަދި މަރުވި މީހާގެ ޖަނާޒާ ބޭއްވޭނީ ވެސް 11 ދުވަސް ފަހުންނެވެ. މީހެއްގެ އުފަން ދުވަހެއް މި ދުވަސްތަކުގެ ތެރޭގައި އަޔަސް އުފަން ދުވަސް ވެސް ފާހަގަ ކުރުން މަނަލެވެ. އެކަން ވެސް ކުރަން ޖެހޭނީ 11 ދުވަސް ނިމުނީ އެވެ.