އެމްޑީޕީ

ޔޫއެން ގެ ލޯގޯ ގަވާއިދާ ހިލާފަށް ބޭނުމެއް ނުކުރަން: އެމްޑީޕީ

  • އދ ގެ ނިންމުން އަޑުއުފުލުމުގައި ލޯގޯ ބޭނުން ކުރެވޭނެ
  • ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލަނީ ސަރުކާރުން
  • މުޒާހަރާގައި ކުޑަކުދިން ބޭނުމެއް ނުކުރަން

އެމްޑީޕީ އިން ތިން ދުވަހަށް ކުރިޔަށް ގެންދިޔަ "މިންޖުވާން" މުޒާހަރާގައި ޔޫއެންގެ ލޯގޯ ބޭނުން ކޮށްފައި ވަނީ ގައިޑްލައިން ތަކާ ހިލާފަށް ނޫން ކަމަށް އެ ޕާޓީ އިން ބުނެ، ރައްދު ދީފި އެވެ.

ޔޫއެންގެ ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކޮށްފަވާ ކަމަށް ބުނެ އެޖަމިއްޔާގެ ރާއްޖޭގެ އޮފީހުން ކަންބޮޑުވުން ފާޅުކުރުމުން އެމައްސަލައާ ގުޅިގެން އިލެކްޝަން ކޮމިޝަންނުން އެމްޑީޕީއަށް ފޮނުވި ސިޓީއަށް އެ ޕާޓީ އިން އިން ކޮމިޝަނަށް ފޮނުވި ޖަވާބުގައި ބުނެފައި ވަނީ މިންޖުވާން މުޒާހަރާގެ މައިގަނޑު ގޮވާލުމަކީ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުން ކަމަށާއި އދ ގެ ގުނަވަނަކުން އެކަން އެގޮތަށް ކުރުމަށް ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި އެ ލޯގޯ އެމްޑީޕީ އިން ބޭނުން ކުރަނީ އެ އެންގުމަށް ސަރުކާރުން އަމަލު ކުރުމަށް ހަނދާންކޮށްދީ އދ ގެ ނިންމުމަކާ އެއްކޮޅަށް އަޑުއުފުލުމަށް ކަމަށެވެ. އެމްޑީޕީ އިން ބުނީ އެ ލޯގޯ ބޭނުން ކުރުމަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ކަރާމާތާއި ސިޔާދަތަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ މާބޮޑަށް ފަލީހަތްވެ އަގުވެއްޓޭ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

"އދ އަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ނިންމި ނިންމުމަށް އަމަލު ނުކުރުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ފަހުރުވެރި، ސިޔާސަދަތާ ކަރާމާތަށް ލިބެމުންދާ އުނިކަމަކަށް ވާއިރު، ސަރުކާރު ހިންގުމާ ހަވާލުވެފައި އޮތް ސިޔާސީ ޕާޓީއަށް ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފުނުވުމަށް ތިޔަ ކޮމިޝަނުން އަންގައި އދ ގެ ނިންމުމަށް އަމަލު ނުކުރުމަކީ އެ ޕާޓީގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ،" އެމްޑީޕީގެ ސިޓީގައިވެ އެވެ.

އެމްޑީޕީ އިން ބޭއްވި، މުޒާހަރާގައި ބޭނުން ކުރި ދިދަތަކާއި ޓީޝާތުގައި ޔޫއެންގެ ލޯގޯ ބޭނުންކޮށްފައިވާތީ، އެ ޖަމްއިއްޔާ އިން ގޮވާލާފައި ވަނީ ސިޔާސީ ކަންކަމުގައި އަދި ވަކި ސިޔާސީ ފިކުރަކަށް ބުރަވެގެން ހިންގާ ހަރަކާތްތަކުގައި އެ ލޯގޯ ބޭނުން ނުކުރުމަށެވެ.

އިލެކްޝަންސް އިން އެންގި އެހެން ކަންކަމަށް ރައްދު ދީ އެމްޑީޕީ އިން ބުނެފައި ވަނީ އެމްޑީޕީގެ މުޒާހަރާތަކުގައި ކުޑަކުދިން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ވަކި ފަރުދަކު ކުރާ ކަމެއްގެ ސަބަބުން މުޅި އެމްޑީޕީއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އަދިވެސް ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް ފާޑު ކިޔުމަކީ ގާނޫނު އަސާސީ އިން ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ އަސާސެއް ކަމަށެވެ. އަދި މުއައްސަސާތަކަށް ފާޑު ކިޔުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ އެ ހައްގު ވަރަށް ބޮޑަށް އުނިކޮށް ބިރު ދެއްކުމެއް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އެކަމުގެ ސަބަބުން މުއައްސަސާތައް އިސްލާހު ކުރުމަށް ފުރުސަތު ހަނިވެ ޑިމޮކްރަސީގެ އުސޫލުތަކާ ދުރުވެގެން ހިނގައިދާނެ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

"ތިޔަ ކޮމިޝަނުން މި ޕާޓީއަށް ފޮނުވާފައިވާ ސިޓީގައި ދައުލަތުގެ މުއައްސަސާތަކާ މެދު ފާޑުކިޔުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދަންނަވާފައި ވަނީ ޑޮމޮކްރަސީގެ ރޫހާ ހިލާފަށެވެ. އަދި އެއީ ތިޔަ ކޮމިޝަނަށް މަނާ ކުރެވޭނެ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ،" އެމްޑީޕީގެ ސިޓީގައިވެ އެވެ.